ކޮންމެ ނަތީޖާ އަކީ ނިމުމެއް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

އިއްޔެ ބޭއްވި އިންތިހާބުތަކުން ސަރުކާރަށް ލިބުނު ނަތީޖާ އަށް އިޝާރާތް ކުރައްވައި މިނިސްޓަރު ސޯޝަލް މީޑިއާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބައެއް ފަހަރު ރައްޔިތުން ތިމާގެ ފަހަތުގައި ތިބެ ވަޔާ އެއްކޮޅަށް ދާން ބުނާނެ ކަމަށެވެ. އަދި ބައެއް ފަހަރު ކުރިމަތިން ހުރަސް އަޅައި ވަޔާ ދެކޮޅަށް ދަތުރު ކުރަން ވެސް ބުނާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޑިމޮކްރަސީގެ މަގަކީ ސީދާ މަގެއް ނޫން ކަމަށާއި އެކަން ގަބޫލުކޮށް ހިދުމަތް ކުރާ މީހުން ދެ ސަފްހާ ދޭތެރެއިން ނުގެއްލޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

”(އެކަމަކު) ކޮންމެ ނަތީޖާ އަކީ ނިމުމެއް ނޫން. ކާމިޔާބީ އަކީ އެކަމާ މެދު ހިތްތިރި ކުރަން ޖެހޭ ކަމެއް. ހަމައެހެންމެ ނާކާމިޔާބީއަކީ އެކަމާ މެދު ވިސްނައި، ހިތްވަރުކޮށް، ގަދައަޅާ މަސައްކަތް ކުރުމަށް ލިބޭ ފުރުސަތެއް. މިނިސްޓަރު ވިދާޅުވިއެވެ.

ރައްޔިތުންނަށް ހިދުމަތް ކުރުން މިނަން ޖެހޭނީ ލިބޭ ކާމިޔާބީއަކުން އެކަންޏެއް ނޫން. އެހެނެއް ކަމަކު ސާބިތުކަމާއެކު ކަންކަން އިސްލާހުކޮށް، ރައްޔިތުންގެ އިތުބާރު ހޯދަން ކުރާ މަސައްކަތުން.“

މުއްތަލިބު ވިދާޅުވީ ޑިމޮކްރަސީގައި ރައްޔިތުންގެ ކޮންމެ ނިންމުމަކީ އެއަށް އެންމެން އިހުތިރާމް ކުރަން ޖެހޭ ނިންމެއް ކަމަށެވެ.

އަދި ރައްޔިތުންގެ ހިދުމަތުގައި އުޅޭ ކޮންމެ މީހަކީ ރައްޔިތުންގެ ނިންމުމުން ހިމޭންކަމުގައި ހުރެ، ފިލާވަޅު ލިބި، އަބުރުވެރިކަމާއެކު ހިތްވަރުކުރަން ޖެހޭ މީހެއް ކަމަށް އޭނާ ވިދާޅުވިއެވެ.

”ތާރީހަކީ އެންމެ ދުވަހަކުން ލިޔެވޭ އެއްޗެއް ނޫން. ތާރީހު ލިޔެވެނީ ބައިބަޔަށް. ހިދުމަތް ކުރުމުގައި މަގުސަދެއް އޮތް މީހަކު ދެ ސަފުހާ ދޭތެރެއިން ނުގެއްލޭނެ.“

އިއްޔެ ބޭއްވި ތިން އިންތިހާބުގެ ނަތީޖާ ވެސް ބަލައިގަންނަ ކަމަށާއި، ރަނގަޅު ކުރަން ޖެހޭ ކަންކަން، ރައްޔިތުންގެ ވިންދާ އެއްގޮތަށް ރަނގަޅު ކުރައްވާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ރޭ ވަނީ ވިދާޅުވެފައެވެ.