އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް، މިއީ އާ ހިތްވަރަކާއެކު ކުރިއަށްދާން ލިބުނު ފުރުސަތެއްގެ ގޮތުގައި ހޮނިހިރު ދުވަހުގެ ބޭއްވި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި، ޕީއެންސީގެ ފަރާތުން މާލެސިޓީގެ ޑަބްލިއުޑީސީގެ ރައީސާގެ މަގާމަށް ވާދަކުރެއްވި ކެންޑިޑޭޓް އާއިޝަތު އަލައިކާ އަދުނާން ކެންޑިޑޭޓް އަލައިކާ ސިފަކުރައްވައިފިއެވެ.

އިންތިހާބުގެ ނަތީޖާއަށްފަހު ސޯޝަލް މީޑިއާ މެދުވެރިކޮށް ދެއްވި މެސެޖެއްގައި އަލައިކާ ބުނެފައިވަނީ އިންތިހާބުގެ ގޮނޑި ކާމިޔާބު ނުވި ނަމަވެސް، މި ދަތުރު ނިންމާލަނީ ގޮނޑިއަށްވުރެ މާ އަގުހުރި، މާ ފުން އަދި އަބަދަށް ދެމިގެންވާ ކަންތައްތަކަކާ އެކުގައި ކަމަށެވެ. އެއީ އެތައް ރައްޔިތުންނެއްގެ އިތުބާރާއި، ލޯތްބާއި، އޭނާއަށް އޮތް ޔަގީންކަން ކަމުގައި އަލައިކާ ފާހަގަކުރެއްވިއެވެ.

”މިއީ އޭގެ ޒާތުގައި ވަރަށް މަތިވެރި ކާމިޔާބީއެއް. އަދި އަޅުގަނޑު މިކަން ބަލައިގަންނަނީ ނުހަނު ޝުކުރުވެރިކަމާއި މަޑުމޮޅިކަމާ އެކުގައެވެ. އަޅުގަނޑުގެ ނަޒަރުގައި މިއީ އަގު ނުކުރެވޭ ފަދަ ބޮޑު ކާމިޔާބީއެއް،“ އަލައިކާ ބުނެފައިވެއެވެ.

މި ދަތުރަކީ ހަމައެކަނި މަގާމެއް ހޯދުމަށް ކުރި ދަތުރެއް ނޫންކަން ފާހަގަކޮށް އަލައިކާ ބުނެފައިވަނީ މައިގަނޑު މަގުސަދަކީ އަބުރުވެރި ދިރިއުޅުމަކަށް އެދޭ އާއިލާތަކުގެ ހައްގުގައި މަސައްކަތްކުރުމާއި، އެންމެންނަށް ހަމަހަމަ ފުރުސަތުތަކާއި ބާރުވެރިކަން ހޯދައިދިނުން ކަމަށެވެ. އަދި  ހާއްސަކޮށް އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަކީ ބަޔަކު ދޭންޖެހޭ އިނާޔަތެއް ނޫން ކަމަށާއި، އެއީ އެންމެންގެ އަސާސީ ހައްގަކަށް ވާތީ އެކަމަށް ވަކާލާތު ކުރެއްވީ ކަމަށް އޭނާ ވަނީ ބުނަފައެވެ.

ސިޔާސީ ހަޔާތުގައި ދިމާވި ގޮންޖެހުންތަކަށް އަލިއަޅުވާލައްވަމުން އަލައިކާ ބުނެފައިވަނީ ބައެއް ފަހަރު ހިތްދަތި މާޔޫސްކަމާއި ހިޔާނާތުގެ ހިތިކަން ވެސް ތަހައްމަލު ކުރަން ޖެހުނު ކަމަށެވެ. އަދި އޭނާގެ ނިޔަތާއި އަމަލުތަކާ ހިލާފަށް ސިފަ ކަޅުކޮށް، އެކި ކަހަލަ އިލްޒާމުތައް އެޅުވި ނަމަވެސް، ކޮންމެ އިމްތިހާނެއްގައި ވެސް ސާބިތުކަމާއެކު ހުރި ކަމަށް އޭނާ ފާހަގަކުރިއެވެ.

އަދި މިއަދަކީ މި މަސައްކަތުގެ ނިމުމެއް ނޫންކަން ފާހަގަކޮށް އަލައިކާ ބުނެފައިވަނީ، މިއީ އައު މިސްރާބަކަށް އެނބުރިލި ވަގުތެއް ކަމަށާއި  ކުރިއަށް އޮތް ތަނުގައި ވެސް އައު ހިތްވަރަކާއި، ވަރުގަދަ އަޒުމަކާއި، އިހްލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ދެމިހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދޭކަމަށެވެ.