ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން މޯލްޑިވްސް ފިޝަރީޒް އެންޑް އެގްރިކަލްޗަރަލް މާކެޓިންގ ކޯޕަރޭޝަން (މިފްކޯ) ގެ އިދާރީ މަސައްކަތު ގަޑިތަކަށް ބަދަލު ގެނައުމަށް ނިންމައިފިއެވެ.

މިފްކޯއިން މައުލޫމާތު ދިން ގޮތުގައި  މިހާރު ހެނދުނު 8:00 އިން ހަވީރު 4:00 އަށް އޮންނަ ރަސްމީ މަސައްކަތު ގަޑި، އަންގާރަދުވަހުން  ފެށިގެން މެންދުރުފަހު 2:00 އަށް ވަނީ ކުރުކޮށްފައެވެ. މި ނިންމުމަކީ ބައިނަލްއަގުވާމީ މަސްރަހުގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ކުންފުންޏަށް ކުރިމަތިވެދާނެ މާލީ ގޮންޖެހުންތަކުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއް ކަމަށް މިފްކޯއިން ބުނެފައިވެއެވެ.

ކުންފުނީގެ މުވައްޒަފުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ  މެންދުރުފަހު 2:00 ގެ ފަހުން އޮފީސް ހުޅުވޭނީ ހަމައެކަނި ކޮންމެހެން ކުރަންޖެހޭ މުހިންމު މަސައްކަތްތަކަށް، ޑިޕާޓްމަންޓްތަކުގެ އިސްވެރިންގެ ހުއްދަ ލިބިގެންކަމަށާއި އަދި އިތުރުގަޑީގައި މުވައްޒަފުން މަސައްކަތަށް ނެރެންވާނީ ލިޔުމުން ހުއްދަ ހޯދުމަށްފަހު ކަމަށެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތަކެއްވެސް މިފްކޯއިން ވަނީ އަޅާފައިވެއެވެ.

އެގޮތުން ތެލާއި ކަރަންޓަށް ހިނގާ ހަރަދު ކުޑަކުރުމުގެ ގޮތުން، އެއާކޮންޑިޝަނާއި ބައްތި ފަދަ ތަކެތި ބޭނުންކުރުން މަދުކުރުމަށް މުވައްޒަފުންނަށް ވަނީ އިރުޝާދު ދީފައިވާއިރު، ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ހެޑް އޮފީހުގެ ހުއްދަ ނެތި ނުކުރުމަށާއި، ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމު ހުރި މުވައްޒަފުން އެ މަގުން އަމަލުކުރުމަށްވެސް އެ ކުންފުނިން އަންގާފައިވެއެވެ.

މަސައްކަތު ގަޑިތަކަށް މި ބަދަލު އައި ނަމަވެސް، ކުންފުނީގެ އޮޕަރޭޝަނަލް މަސައްކަތްތަކަށް އެއްވެސް ބުރޫއެއް ނާރާނެ ކަމުގެ ޔަގީންކަން މިފްކޯއިން ދެއެވެ.

ހާއްސަކޮށް، އެ ކުންފުނީގެ ފިހާރަތަކުން އާންމުންނަށް ދެމުންދާ ހިދުމަތްތައް އެއްވެސް މެދުކެނޑުމެއް ނެތި ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.