މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޝްވާން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން އިއްޔެ ބުނީ އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުންނާއި ބޯޑު މެންބަރުކަމުގެ މަގާމުން ހ. ހަބަރުގެ، މުހައްމަދު ރިޝްވާން، މިއަދު އިސްތިއުފާދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ރިޝްވާން އައްޔަންކޮށްފައިވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ފަސްވަނަ ދުވަހު ގައެވެ.
އެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މުހައްމަދު ވަޖީހު އިބްރާހިމް މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
ރިޝްވާނަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ޑީސީޕީ)ގެ މަގާމު ފުރުއްވެވި ބޭފުޅެކެވެ.
އަދި ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އޭނާ ވަނީ އައިޖީއެމްއެޗްގެ ޑެޕިއުޓީ ޗީފް އޮޕަރޭޓިން އޮފިސަރުގެ މަގާމުވެސް ފުރުއްވައިފައެވެ.

