ދިވެހިރާއްޖޭގެ ސިއްހީ ސިޔާސަތުތަކާއި ފިޔަވަޅުތައް އެޅުމުގައި، ސައިންސާއި ހެއްކަށް ބިނާކޮށް ގޮތް ނިންމުމުގެ އާދަ އަށަގެންނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފިއެވެ.

ރައީސް މިކަމަށް ގޮވާލެއްވީ، ސޯޝަލް މީޑިއާ އާއި އާޓިފިޝަލް އިންޓެލިޖެންސް(އޭއައި)ގެ ސަބަބުން ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފެތުރެމުންދާ މި ދަނޑިވަޅުގައި، ސައިންސަށް ބިނާކޮށް ގޮތް ނިންމުމަކީ ކުރިއަށްވުރެ ބޮޑަށް މުހިންމުވެފައިވާ ކަމެއްކަން ފާހަގަކުރައްވަމުން، ދުނިޔޭގެ ސިިއްހަތު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި މެސެޖުގައެވެ.

ރައީސް ފޮނުއްވި މެސެޖުގައި، ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ހެއްކަށް ބިނާކޮށް ގޮތް ނިންމުމުގެ ސަގާފަތެއް ދަމަހައްޓަމުން އަންނަ ގައުމެއްކަން ކަށަވަރުކޮށްދެއްވިއެވެ.

އަދި ރާއްޖޭގެ ޞިއްޙީ ސިޔާސަތުތައް ބިނާވެފައިވަނީ ޒަމާނީ ސައިންސާއި، ޓެކްނޮލޮޖީ އަދި ސާބިތު ހެކިތަކުގެ މައްޗަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މޭރުމުން، ސިއްހީ ނިޒާމު ހަރުދަނާކޮށް، މުޅި ރާއްޖެއަށް ފެންވަރު ރަނގަޅު ހިދުމަތްތައް ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތަފްސީލު އެމަނިކުފާނު ހިއްސާކުރެއްވިއެވެ.

އޭގެ ތެރޭގައި ޑިޖިޓަލް ހެލްތުގެ ހިދުމަތް ފުޅާކުރުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހޯދުންތަކާއި ހެކިތަކުގެ ބޭނުން ހިފުމާއި، ބަލިތައް ދެނެގަތުމާއި މޮނިޓަރކުރުމުގެ ފަންނީ އުސޫލުތައް ހަރުދަނާކުރުން ހިމެނެއެވެ.

މީގެ އިތުރުން ސިއްހީ މައުލޫމާތު ބެލެހެއްޓުމުގެ ނިޒާމު އެއްވިއުގައަކުން ގުޅާލުމާއި، ދުޅަހެޔޮ ދިރިއުޅުމުގެ އާދަތަކަށް ބާރުއެޅުމާއި، ދުރާލާ ބަލިތައް ދެނެގަތުމަށް އިސްކަންދިނުމުގެ އިތުރުން، ފަރުވާގެ ހިދުމަތްތައް ހަރުދަނާކަންމަތީ ފޯރުކޮށްދިނުން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މެސެޖުގައި، ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާ (WHO) އާއި ބައިނަލްއަގުވާމީ އެހެނިހެން އިދާރާތަކާއެކު ރާއްޖެއިން ބާއްވާ ގާތް ގުޅުން ފާހަގަކުރައްވައި، މީގެ ސަބަބުން ސިއްހީ ދާއިރާގެ އެންމެ ފަހުގެ ހޯދުންތަކުގެ މަންފާ ރާއްޖެއަށް ލިބޭކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސިއްހީ ދިރާސާތަކަށް ކުރާ އިންވެސްޓްމަންޓް އިތުރުކުރުމަށާއި، ގައުމުތަކުގެ އަމިއްލަ ހާލަތާ ގުޅޭ ހެކިތައް ހޯދުމަށް އިސްކަންދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

އަދި ގައުމީ ފެންވަރުގައާއި ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ ސިއްހީ މަސައްކަތްތަކަކީ ސާބިތުވެފައިވާ ސައިންސުގެ މައްޗަށް ބިނާވެފައިވާ ކަންކަންކަން ކަށަވަރުކުރުމަށްޓަކައި، ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން މިހާރަށްވުރެ ބޮޑަށް ބަދަހިކުރުމަށް ވެސް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

ރައީސްގެ މެސެޖު ނިންމަވާލެއްވީ، މުޖުތަމައުގެ ދުޅަހެޔޮކަމާއި އުންމީދު ދެމެހެއްޓުމަށްޓަކައި މެދުކެނޑުމެއްނެތި މަސައްކަތްކުރައްވާ ހުރިހާ ފަރާތްތަކަށް ތަޙުނިޔާ ފޮނުއްވަމުންނެވެ.

އަދި ’ޓުގެދަރ ފޮރ ހެލްތު، އެންޑް ޓު ސްޓޭންޑް ވިތު ސައެންސް‘ ނުވަތަ،’ސިއްހަތަށްޓަކައި އެކުގައި، ސައިންސާއެކު ސާބިތުވެ ތިބުމަށް ދިވެހި ރައްޔިތުންނަށާއި ބައިނަލްއަގުވާމީ މުޖުތަމައުއަށް އިލްތިމާސްކުރައްވަމުންނެވެ.

ދުވަހާ ގުޅިގެން ރައީސްގެ އެކްސް އެކައުންޓުން ހިއްސާކުރެއްވި ފޯސްޓްގައި މި ޝުއޫރުތައް ތަކުރާރުކުރައްވައި، ’ވަން ހެލްތު އިނީޝިއޭޓިވް‘ ކުރިއަށް ގެންދަންވާނީ ސައިންސަށް ބިނާވެފައިވާ އުސޫލުތަކުގެ މައްޗަށްކަން ބަޔާންކުރައްވައި އެކަމަށް ބާރުއަޅުއްވާފައިވެއެވެ.