އިދިކޮޅު އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަންކަމުގެ މަގާމުން އިބްރާހިމް ވަހީދު (އިބުރޭ) ވަކިކޮށްފިއެވެ.

އެމްޑީޕީގެ ޗެއާޕާސަން އަބްދުލްޣަފޫރު މޫސާ (ގަޕޯ) ސޮއިކުރައްވައި އިބުރޭއަށް ފޮނުއްވި ސިޓީއެއްގައި ވަނީ، އެމްޑީޕީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާގައި ޕާޓީގެ ޗެއާޕާސަން ކަމަށް އިންތިހާބުވާ ފަރާތަކުން ޗެއާޕާސަންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި އެހީތެރިވެދިނުމަށް ޗެއާޕާސަންގެ ނައިބު (އިދާރީ) އާއި ޗައާޕާސަންގެ ނައިބު (މާލީ) ގައުމީ މަޖިލީހުގެ ރުހުމާއެކު ޗެއާޕާސަން އައްޔަންކުރަންވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.

ހަމަ އެ މާއްދާގައި ޗެއާޕާސަންގެ ދައުރުގެ ތެރޭގައި ޗެއާޕާސަންގެ ނައިބަކު ވަކިކޮށް، ގައުމީ މަޖިލީހުގެ ރުހުމާއެކު އެހެން ފަރާތެއް ޗެއާޕާސަންގެ ނައިބު ކަމަށް އައްޔަންކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށް ސިޓީގައިވެއެވެ.

އެހެންކަމުން އެ މާއްދާގައި ޗެއާޕާސަންގެ ނައިބުކަމުން ވަކިކުރާ ހާލަތުގައި ގައުމީ މަޖިލީހުގެ ރުހުން އޮންނަން ޖެހޭ ކަމަށް ބުނެފައިވާތީވެ، އެމްޑީޕީގެ އަސާސީ ގަވާއިދުގެ 70 ވަނަ މާއްދާއާ ހަވާލާދީ ޗެއާޕާސަންގެ ނައިބު (އިދާރީ) ކަމުން އިބްރާހިމް ވަކިކޮށްފައިވާ ކަމަށް ޣަފޫރުގެ ސިޓީގައި ވިދާޅުވިއެވެ.

އެ ސިޓީގައި އިބުރޭ ވަކިކުރި ސަބަބެއް ފާހަގަކޮށްފައެއް ނުވެއެވެ.

ނަމަވެސް، އެމްޑީޕީގެ ތެރޭގައި ހަމަޖެހުންތަކެއް ދަނީ ހިނގަމުންނެވެ. މިއީ އެ ޕާޓީގެ ކުރީގެ ދެ ރައީސުން ކަމަށްވާ، ރައީސް މުހައްމަދު ނަޝީދާއި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެމެދު ކުރިންސުރެ އުފެދިފައި އޮތް ކޯޅުމުގެ ތެރެއިން އުފެދުނު ހަމަނުޖެހުންތަކެއް ކަމަށް ބެލެވެއެވެ.