ކ.މާލެއިން ފުރައިގެން ގއ ވިލިނގިޔަށް ދަތުރުކުރަމުން ދިޔަ ”އުދަރެސް“ ބޯޓު އަތޮޅަށް ދަތުރުކުރަމުން ދަނިކޮށް އަޑިއަށް ދިއުމާއެކު އެބޯޓުން ދަތުރުކުރި އެންމެން ކަނޑުވިއެވެ. އެބޯޓު އަޑިއަށް ދިއައީ ލ.އަތޮޅު އޮޅުވެލި ކައިރީގައި ފަރަށް އަރައިގެންނެވެ.
މި ބޯޓު ފަރަށް އެރި އިރު އޭގައި 13 މީހުން ތިއްބެވެ. އޭގެ ތެރެއިން އެކަކު ފަތާފައި އޮލުވެއްޔަށް އަރާފައިވާއިރު، 11 މީހުން ވަނީ އެރިސޯޓްގެ ދޯންޏަކަށް ނަގާފައެވެ. ނަމަވެސް އެވަގުތު އެބޯޓުން ދަތުރުކުރި އުމުރުން 87 އަހަރުގެ އިސްމާއިލް އަފީފު ފެންނާކަށް ނެތްކަމަށް އެމީހުން ފާހަގަކޮށްފައިވެއެވެ.
މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިގައިވަނީ ދަންވަރު 1:25 ހާއިރުއެވެ. އެހާއިރުން ފެށިގެން އަފީފު ހޯދުމުގެ މަސައްކަތް އެމްއެމްޑީއެފުން އައީ ކުރަމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ މާލެއަށް އައީ ވެސް އުދަރެސް ބޯޓުގައެވެ. އޭނާ މާލެއަށް އައީ އޭނާގެ ގޭގައި ގެންގުޅެން ގެނައި ބިދޭސީ މީހާ ބަލައެވެ. މިހާދިސާ ހިނގާފައިވަނީ އެމީހާ ގޮވައިގެން އަނބުރާ ރަށަށް ކުރި ދަތުރުގައެވެ.
އަފީފު ހޯދުމުގެ މަސައްކަތް ކުރަމުން ދަނިކޮށް އޭނާ ފެނިފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏަކަށެވެ.
އޭނާ ސަލާމަތްކުރުމުގެ ތެރޭގައި ނަގާފައިވާ ވީޑިއޯއެއް އެދޯނީގެ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
އެ ވީޑިއޯ އިން ފެންނަ ގޮތުގައި އެ ބިޔަކަނޑުގަނޑުގައި ވަކަރު ޕެލެޓެއްގައި ދެއަތުން ހިފައިގެން އޮތް އިރު އޭނާގެ ބޯ ފިޔަވާ މުޅި ހަށިގަނޑު އޮތީ ކަނޑުގައެވެ. އޭނާ ސަލާމަތްކުރުމަށްފަހު މިހާރު އަންނަނީ ލ އަތޮޅު ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
އަފީފު ވަނީ ކަނޑުމަތީގައި އެކަނިމާއެކަނި ގިނަ ވަގުތު ހޭދަކޮށްފައެވެ. ކަނޑުގެ ބިޔަރާޅުތަކުގެ ތެރޭގައި އެއްވެސް އާރެއްބާރެއް ނެތި ކަނު އަނދިރީގައި ކޮންމެ ސިކުންތެއް ހިނގާނެ ގޮތް ނިކަން ވިސްނާލާށެވެ. ހާދަ ބިރެއްގަންނާނެއެވެ. ހާދަ ހިތް ނުތަނަވަސް ވާނެއެވެ. ނަމަވެސް އަފީފު ދެއްކީ އިންސާނީ ހިތްވަރާއި، ކެތްތެރިކަމުގެ އާދަޔާ ހިލާފު މިސާލެކެވެ.
އުމުރުން 87 އަހަރުގެ މި ދޮށީއުމުރުގެ މީހާ ކަނޑުމަތީގައި ހޭދަކުރި ވަގުތުތަކާއި، އޭނާ ސަލާމަތްވީ ގޮތަކީ ގިނަ ބަޔަކު ހައިރާންކުރުވި ކަމެކެވެ.
އޭނާ ސަލާމަތްވީ ކަނޑުގެ އޮއިވަރާ ދެކޮޅަށް ހިތްވަރާއެކު މަސައްކަތްކޮށް، ހަށިގަނޑު ފެންމަތީގައި ބޭއްވުމަށް ކުރި މަސައްކަތުންނެވެ. 87 އަހަރުގެ އުމުރުގައިވެސް، އޭނާ ދެއްކި ސާބިތުކަމަކީ ޒުވާނުންނަށްވެސް ނަމޫނާއެކެވެ.
މި ހާދިސާއިން އެނގިގެންދަނީ އިންސާނާގެ ނަފްސާނީ ހިތްވަރާއި، ދިރިހުރުމަށް ކުރާ އުއްމީދުގެ ވަރުގަދަކަމެވެ. ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި، އެކަނިމާއެކަނި ހޭދަކުރި ވަގުތުތަކުގައި، މާތް ﷲ ލެއްވި ހެޔޮ ރަޙްމަތާއި، އޭނާގެ ހިތުގައި އޮތް ކެތްތެރިކަމަކީ އޭނާ ސަލާމަތްވުމުގެ މައިގަނޑު ސަބަބެވެ.
މި ހާދިސާއަކީ މާތްﷲގެ މިންވަރުފުޅުން، ކޮންމެފަދަ ނުރައްކާތެރި ހާލަތެއްގައިވެސް ސަލާމަތްވެވިދާނެކަމުގެ ދިރިހުރި މިސާލެކެވެ. އެކަލާނގެ އިޒްނަފުޅާ ލައިގެން މެނުވީ، އަހަރުމެން އިންސާނުންނަށް އެއްވެސް ކަމަކުން ގެއްލުމެއް ނުލިބޭނެއެވެ. އެއީ ކިތަންމެ ބޮޑު މުސީބާތެއް ކަމުގައި ވިޔަސްމެއެވެ.

