ސީލައިފް ވެރިޔާ އަހުމަދު މޫސާގެ މައްޗަށް ކުރާ ޚިޔާނާތުގެ ކުށް ސާބިތުނުވާ ކަމަށް، ކްރިމިނަލް ކޯޓުން ނިންމުމާއި ގުޅިގެން އެ މައްސަލަ އިސްތިއުނާފް ކުރަން ނިންމާފައިވާ ކަމަށް، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހާމަކޮށްފިއެވެ.

ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަހުމަދު މޫސާ މައްޗަށް ދައުވާކޮށްފައިވަނީ އޭނާ ކުންފުނިން އެޗްޑީސީ އާއި ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން، 3000 ހައުސިން ޔުނިޓް އެޅުމަށް ހަވާލުކުރުމުން، އެ މަސައްކަތް ފުރިހަމަ ނުކޮށް މަކަރާއި ހީލަތުން އެކި މީހުންގެ އަތުން، ފައިސާ ނަގައި ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތު ކޮށެވެ.

މިމައްސަލާގައި ސީލައިފްގެ ވެރިޔާ އަހުމަދު މޫސާ މުޙައްމަދުގެ މައްޗަށް ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ހިޔާނާތްތެރިވުމުގެ ކުށުގެ 42 ދައުވާއެއްވަނީ ކޮށްފައެވެ.

މިމައްސަލަ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ، 30 މޭއި 2021 ގައެވެ. މި މައްސަލާގައި ކޯޓުން ހުކުމްކޮށްފައިވަނީ އޭނާގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށެވެ.
މި މައްސަލާގައި އަހުމަދު މޫސާ ގެމައްޗަށް ކޮށްފައިވާ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާތަކަކީ، ގާނޫނުލްއުގޫބާތުގެ 215 ވަނަ މާއްދާގައި ބަޔާންކުރާ ހިޔާނާތްތެރިވުމުގެ ކުށުގެ އުންސުރުތައް ފުރިހަމަވާ ދައުވާތަކެއްކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.

މިއީ މަދަނީ ތަބީއަތުގެ މުއާމަލާތްތަކެއްކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ މި ދައުވާތައް ސާބިތުކުރުމަށް ކޯޓަށް ހުށަހެޅި ހެކިތަކަށް އެކަށީގެންވާ މިންވަރަށް ރިޢާޔަތްކުރުމާނުލައި ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ. އަދި ކްރިމިނަލް ކޯޓުން މި ހުކްމް ކޮށްފައިވަނީ، ޤާނޫނުގައި ހިޔާނާތްތެރިވުމުގެ ކުށް ބަޔާންކޮށްފައިވާ ގޮތަށް ރަނގަޅުނޫން މާނަކުރުމެއް ދީގެންކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

އަދި މި ދައުވާތައް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމަށް ނިންމާފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ.