މައްސަލަ ޖެހުނު ދ. މީދޫ ދެ ނަންބަރު ވޯޓު ފޮށީގައިވާ ކައުންސިލް ރައީސްގެ ވޯޓް އަލުން ގުނައި ނަތީޖާ އިއުލާންކޮށްފިއެވެ.

އެ ވޯޓް ފޮށި އަލުން ގުނާ އެދާއިރާގެ ފައިނަލް ނަތީޖާ ދައްކާ ގޮތުން އެއްމެ ވޯޓެއްގެ ތަފާތަކުން ކާމިޔާބުކޮށްފައިވަނީ އެމްޑީއޭގެ ފަރާތުން ކައުންސިލްގެ ރައީސްކަމަށް ވާދަކުރި މުހައްމަދު ޝާހިދުއެވެ.

އިންތިހާބާ ގުޅޭ ޝަކުވާތައް ބެލުމަށް ހާއްސަކޮށްފައިވާ ބިއުރޯއިން މި ފޮށި އަލުން ގުނަން އެންގީ، ފޮށީގެ ނަތީޖާ އެއްވަރުވެފައިވާކަމަށް ބުނެ އެމްޑީއޭއިން ހުށަހެޅި މައްސަލަ ބެލުމަށްފަހުގައެވެ.

ވޯޓު ފޮށި އަލުން ގުނާ އިއުލާން ކުރި ނަތީޖާއިން ކުރި ހޯދާފައިވަނީ މައްސަލަ ހުށަހެޅި ކެންޑިޑޭޓް މުހައްމަދު ޝާހިދުއެވެ.

ވޯޓު ފޮށި އަލުން ގުނުމަށްފަހު އިއުލާން ކުރި ނަތީޖާގައިވާ ގޮތުން، އެމްޑީއޭގެ ފަރާތުން ވާދަކުރެއްވި މުހައްމަދު ޝާހިދަށް ލިބުނީ، 127 ވޯޓެވެ. އަދި، ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމަށް 114 ވޯޓެވެ.

އަދި އަމިއްލަ ގޮތުން ނުކުންނެވި އިބްރާހީމް ނަސީމަށް 36 ވޯޓު ލިބުނު އިރު 17 ވޯޓެއް ވަނީ ބާތިލުވެފައެވެ.

މި ނަތީޖާއާއެކު ހުރިހާ ވޯޓު ފޮށްޓެއްގެ ނަތީޖާ އެއްކޮށްލުމުން، އެމްޑީއޭގެ ޝާހިދަށް 392 ވޯޓު ލިބިފައވެއެވެ. އަދި ޕީއެންސީ ޓިކެޓުގައި ވާދަކުރެއްވި ސުހާއަށް 391 ވޯޓު ލިބިފައިވާއިރު އަދި އަމިއްލަ ގޮތުން ވާދަކުރި ކެނޑިޑޭޓަށް ލިބިފައިވަނީ 100 ވޯޓެވެ.