ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު، މުހައްމަދު ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

އެ ކޯޓުން ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅީ މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުންގެ އަޣުލަބިއްޔަތުންނެވެ.

އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުއެވެ.

އެއީ ސިނާންގެ މައްޗަށް ހިތަދޫ މެޖިސްޓްރޭޓު ކޯޓުން ކުރި ހުކުމަކާ އެއްގޮތަށް ދަރަނި ނުދައްކައި އޮތް މައްސަލައަކާ ގުޅިގެންނެވެ.

ގާނޫނު އަސާސީގެ 73 ވަނަ މާއްދާގެ (ނ)ގެ އެއްވަނަ ނަންބަރުގައި ބުނަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކީ، އަދާކުރާން ޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކަށް ވެފައި، އެ ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުގެންދާ ނަމަ އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެ ކަމަށެވެ.

ސިނާން އާއި އިތުރު ތިން މީހެއް ހިމެނޭ ގޮތަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ނަގާފައިވާ 3.8 މިލިއަން ރުފިޔާގެ ލޯނަށް ދައްކަން ޖެހި، ނުދައްކައި އޮތް 2.5 މިލިއަން ރުފިޔާ ދެއްކުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައިވާ މައްސަލައިގައި، ދަރަނި ނުދައްކައިގެން ދަރަނި ނުދައްކާ މައްސަލައިގައި ސިނާންގެ ގޮނޑި ގެއްލިއްޖެކަމަށް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ، ޤާލިބު ސަލީމެވެ.

ސުޕްރީމް ކޯޓުން މި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު މައްސަލައިގެ ހުކުމް އިއްވަވަމުން މިއަދު ވިދާޅުވީ ލޯނުގެ ފައިސާ، ހަ މަސް ތެރޭގައި ކޮންމެ މަހަކަށް ޖެހޭ އަދަދު ދައްކަމުން ގޮސް ދައްކައި ނިންމުމަށް ދަށު ކޯޓުން ހުކުމްކޮށްފައި ވާއިރު، ހުކުމުގައި ބުނެފައިވާ ގޮތުގެ މަތީން ސިނާންގެ ފަރާތުން ފައިސާ ދައްކާފައި ނުވާ ކަމަށެވެ.

އެ ފައިސާ ނުދެއްކި އޮތީ ހުކުމް ކުރިކަން ނޭނގޭތީ ކަމަށް ސިނާންގެ ފަރާތުން ބުންޏަސް، އެކަން އޭނާއަށް ދުރާލައި އެންގިކަން ލިޔެކިޔުންތަކުން ސާބިތުވާ ކަމަށް ފަނޑިޔާރު ޝުޖޫން ވިދާޅުވިއެވެ.