ވަގުތީ ގޮތަކަށް މެދުއިރުމަތީގެ ހަނގުރާމަ ހުއްޓުމަކަށް އައިސްފައިވީނަމަވެސް، ކޮމިޓީގެ މަސައްކަތްތައް ހުއްޓައިނުލައި ކުރިއަށްގެންދަވާނޭކަމުގެ ޔަގީންކަން، މެދުއިރުމަތީގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅޭ، ވަޒީރުންގެ ހާއްސަ ކޮމިޓީއިން ރައްޔިތުންނަށް ދެއްވައިފިއެވެ. އެ ކޮމިޓީއިން މި ޔަގީންކަން ދެއްވާފައިވަނީ، އިއްޔެ ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން، ކޮމިޓީގެ ޗެއަރ، ފޮރިން މިނިސްޓަރު ޑރ.އަބްދުﷲ ހަލީލު ވިދާޅުވީ، ކާބޯތަކެއްޗާއި ތެލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ސަޕްލައި ޗެއިންތައް ދެމެހެއްޓުމަށާއި، އިގްތިސާދަށް ކުރިމަތިވެދާނޭ ހީނަރުކަމަކުން އަރައިގަތުމަށް ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް މެދުނުކެނޑި މަސައްކަތްކުރައްވަމުން ގެންދަވާނޭކަމުގައެވެ.
މި ކަމާ ގުޅޭ އިތުރު ތަފްސީލުދެއްވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ، ތެލުގެ އަގު އުފުލިފައިވީނަމަވެސް، މިހާތަނަށް ތާވަލުކުރެވިފައިވާ ތެލާއި ކައްކާ ގޭހުގެ ޝިޕްމަންޓްތައް، ދަތިކަމެއްނެތި ލިބޭނޭ މަގު ފަހިވެފައިވާކަމަށެވެ. އަދި އޮމާނުން ތެޔޮލިބުމުގައި ދަތިކަމެއް އަތުވެއްޖެނަމަ، ސިންގަޕޫރުން ތެޔޮ ގަނެވޭނޭ މަގުވެސް ފަހިކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދައުލަތުގެ ހަރަދުކުޑަކުރުމުގެ ގޮތުން އެޅުއްވުމަށް ނިންމަވާފައިވާ ފިޔަވަޅުތަކުގެ މައްޗަށްވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަކީ ހަމައެކަނި ފަންޑެޑް ދަތުރުތައް ކަމުގައި ހަމަޖައްސަވައި، ސަރުކާރު ކުންފުނިތަކާއި އޮފީސްތަކުންވެސް ކޮންމެހެން ކުރަންޖެހޭ ހަރަދެއް ފިޔަވައި އެހެން ހަރަދުތައް ނުކުރުމަށް ނިންމަވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންނަމަވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތަކަށް ބުރޫ ނާރާނޭ ގޮތަކަށް ކަންކަން އިންތިޒާމުކުރެއްވުމަށް އިސްކަންދެއްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި ޕްރެސް ކޮންފަރެންސްގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މުދާ ކްލިއަރކުރުމުގައި ކުރިމަތިވި ދަތިތައް ހައްލުކުރެއްވުމަށް ކަމާ ގުޅުންހުރި ހުރިހާ ފަރާތްތަކުން ގުޅިގެން، މިދިޔަ ހަފުތާގައި ކުރި މަސައްކަތުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށާއި، އެ މަސައްކަތް އަދިވެސް ކާމިޔާބުކަމާއެކު ކުރިއަށްދާކަމަށެވެ. މީގެ އިތުރުން، އަސާސީ ބާވަތްތަކުގެ މުދަލާއި އިތުރު 23 ބާވަތެއްގެ މުދާ ގެނައުމަށް ތަފާތު 7 ބާޒާރަކާއެކު މަޝްވަރާކުރައްވަމުން ގެންދަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހައްޖުގެ އަޅުކަމަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، ހައްޖާ ގުޅުންހުރި ހުރިހާ އިންތިޒާމުތައް ކުރެވެމުންދާ ކަމަށާއި، އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް މެއި މަހުގެ 15 ވަނަ ދުވަހު ރާއްޖެއިން ފުރާ ފުރަތަމަ ހައްޖުވެރީން ފުރުމަށް ހަމަޖެހިފައިވާކަމަށެވެ.

