އަސާސީ އަދި ސިނާއީ މަސައްކަތްތަކަށް ބޭނުންވާ ތަކެތި ރާއްޖޭގެ ބާޒާރުން ލިބޭނެކަން ކަށަވަރު ކުރާނަން

ކޮމިޓީއިން މިކަން ހާމަކުރެއްވީ، ކޮންމެ ހަފުތާއަކު އެއް ފަހަރު ކުރިއަށްގެންދަވާ ނޫސްވެރިންގެ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން، މިއަދު ހަވީރު ރައީސް އޮފީހުގައި ކުރިއަށްގެންދެވި މި ހަފުތާގެ ބައްދަލުވުމުގައި މައުލޫމާތު ހިއްސާކުރައްވަމުންނެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކަމާގުޅޭ ތަފުސީލީ މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު ވިދާޅުވީ، މެދުއިރުމަތީގައި ހަމަނުޖެހުންތައް އުފެދުމާއެކު ދިވެހިރާއްޖެއަށް މުދާ ގެނެވޭނެ އިތުރު ބާޒާރުތައް ދެނެގަތުމަށް ހާރިޒީ ވުޒާރާއާއި ކަމާ ގުޅުންހުރި ފަރާތްތަކާއެކު ކުރެވުނު މަސައްކަތްތަކުން މިހާރުވެސް އިތުރު މަގުތަކެއް ހަމަޖެހި، ސަޕްލައި ކަށަވަރުކުރެވިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ޗައިނާ، އިންޑިއާ، ތުރުކީވިލާތް އަދި އާސިއާންގެ ގައުމުތައް ހިމެނޭކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ހަމަމިއާއެކު، ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަމުންދާ ލޮޅުންތަކާއެކުވެސް ރާއްޖެއަށް ބޭނުންވާ ތެޔޮ ހުއްޓުމެއްނެތި ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ވަނީ ދެއްވާފައެވެ.

ހަނގުރާމައިގެ ހާލަތާ ގުޅިގެން ރައީސް އެކުލަވައިލެއްވި ވަޒީރުންގެ ޚާއްސަ ކޮމިޓީގެ ފަރާތުން މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕަބްލިކް އެންޓަރޕްރައިޒަސް، އަދި ކޮމިޓީގެ ޗެއަރ، މޫސާ ޒަމީރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހުއްޓުމެއްނެތި ރާއްޖެއަށް ބޭނުންވާ ތެޔޮ ލިބޭނެކަން ޔަގީންކުރުން ކަމަށާ، ރައްޔިތުންނަށް އަދި ރާއްޖޭގެ ވިޔަފާރިތަކަށްވެސް ދަތިނުވެ ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވާފައިވާނެ ކަމަށެވެ.

އެގޮތުން، މި އުނދަގޫ ހާލަތުގައިވެސް މަސްވެރިން މަސް ކަނޑުތަކަށް ނެރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާ، މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ކުރާ މަސައްކަތުގެ ދަށުން މިހާތަނަށް 1.1 މިލިޔަން ލީޓަރަށްވުރެ ގިނަ ތެޔޮ ދޫކޮށްފައިވާ ކަމުގައި މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުންވެސް ހިރާސްތައް ކުޑަކުރުމުގައި ފަރުދުންނާއި ވިޔަފާރިތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި މަދަދު، ގައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް ފޯރުކޮށްދެމުންދާކަމުގައި ވަޒީރުންގެ ހާއްސަ ކޮމިޓީން ވަނީ ފާހަގަކުރައްވާފައެވެ.

އެގޮތުން، މުދަލުގެ އަގުތައް ބޮޑުވިޔަނުދިނުމަށް ބޭންކު މެދުވެރިކޮށް ވިޔަފާރިތަކަށް ދޫކުރާ އެހީތެރިކަން އިތުރުކުރެވިފައިވާކަން ކޮމިޓީން ހާމަކުރެއްވިއެވެ.

އަދި އިގުތިސާދީ ހަރަކާތްތައް އިތުރުވާނެހެން ބޭންކިންގް ނިޒާމުގެތެރެއިން ރައުސުލްމާލު އަދި ވިޔަފާރި ނަގަހައްޓަން ބޭނުންވާ ފައިސާ ހޯދައިދިނުން ފަދަ ކަންކަން ސަރުކާރުން އިންތިޒާމުކުރަމުންދާކަން ކޮމިޓީން ވަނީ ފާހަގަކުރައްވާފައެވެ.

ކުރިމަތިވެފައިވާ މި ހާއްސަ ހާލަތުގައި ރައީސް ގެންގުޅުއްވާ ސިޔާސަތަކީ ރާއްޖޭގެ އިގްތިސާދީ ސޯބުތައް ހުއްޓުމެއްނެތި ކުރިއަށްދާނެ ގޮތަކަށް ކަންކަން ކުރިއަށް ގެންދެވުން ކަމުގައި ކޮމިޓީން ހާމަކުރެއްވިއެވެ.

ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުގެ ކުންފުނިތަކުން މުވައްޒަފުން މަދުކުރުމަށް އަންގަވާފައި ވީ ނަމަވެސް، އެކަން ކުރިއަށްދާނީ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ކަމުގެ ޔަޤީންކަންވެސް ކޮމިޓީން ވަނީ ދެއްވާފައެވެ.

ދިވެހި އިގްތިސާދުގެ އެންމެ ހިއްސާ ބޮޑު ދެ ސިނާއަތް ކަމަށްވާ ފަތުރުވެރިކަމާއި، މަސްވެރިކަމުގެ ސިނާއަތުގެ އިތުރުން ވައިގެ އުދުހުންތަކާއި، ދަނޑުވެރިކަމާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައްވެސް ހިމެނޭހެން، އެއްވެސް ސިނާއަތެއް ނުހުއްޓި ކުރިއަށްދާނެކަން ކަށަވަރުކުރުމުގެ ގޮތުން ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކާއި އެކަމުގެ ނަތީޖާތަކުގެ އަދާހަމަ ތަފާސް ހިސާބުތައްވެސް ކޮމިޓީން ވަނީ ހިއްސާކުރައްވާފައެވެ.

ހަމަމިއާއެކު ސަރުކާރުން ކުރިއަށްގެންދަވާ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތަށް، މި ހާއްސަ ހާލަތުގެ ސަބަބުން ނޭދެވޭ އަސަރެއް ފޯރާފާނެތޯ ނޫސްވެރިއަކު ދެންނެވި ސުވާލުގެ ޖަވާބުގައި ކޮމިޓީން ވަނީ، ޕޭ ހާމަނައިޒް ނުކުރެވި އޮތީ އެންމެ ހަތް ޕަސެންޓްކަމަށާއި، އެކަންވެސް ވީ އެންމެ އަވަހަކަށް ހަމަޖައްސަވައިދެއްވުމަށް ރައީސް އަންގަވާފައިވާކަމުގައި ފާހަގަކުރައްވާފައެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ހާއްސަ ކޮމިޓީއެއް އުފެއްދެވީ މި އަހަރުގެ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

އެއަށްފަހު ހުސްވި ހަފުތާގައި ކެބިނެޓަށް ގެންނެވި ބަދަލާ ގުޅިގެން، އޭޕްރިލް 15 ވަނަ ދުވަހު އެމަނިކުފާނު ވަނީ މި ކޮމިޓީއަށްވެސް ބަދަލުތަކެއް ގެންނަވާފައެވެ.

މިއަދު ކުރިއަށްގެންދަވާފައި ވަނީ އަލަށް އެކުލަވާލެއްވި ކޮމިޓީގެ ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމެވެ.