އިރުވައިގެ މޫސުމުގެ ހިތްގައިމުކަން އިހުސާސްކޮށްލަން ބޭނުންވި ނަމަވެސް، ދަތުރެއް ދެވޭގޮތް ނުވާނަމަ ފޮނި މީރު ފަޅޯފޮއްޗެއް ކާލުމަކީ ރަނގަޅު ހައްލެކެވެ.
”ފަޅޮލަކީ ކަރާ ކަހަލަ މަޑު އެއްޗެއް. މީގައި ބީޓާ-ކެރޮޓިން އާއި ވިޓަމިން ސީގެ އިތުރުން ހަށިގަނޑަށް ބޭނުންވާ ގިނަ ފައިދާތަކެއް އެކުލެވިގެންވާ އެއްޗެއް އަދި މީގެ އޮށްތަކަކީވެސް ކެވޭނެ އެއްޗެއް.“ ރެޖިސްޓާޑް ޑައިޓީޝަން ޖޫލިއާ ޒުމްޕާނޯ ވިދާޅުވެފައިވެއެވެ.
ފަޅޯ ކެއުމުން ލޮލުގެ ފެނުން ރަނގަޅުވުމަށާއި، ބަލިތަކުން ދިފާއުވުމަށާއި، ދުޅަހެމެހެއްޓުމަށާއި، ގޮހޮރުގެ ދުޅަހެޔޮކަމަށާއި، ހަކުރު ދަށްކުރުމުގެ އިތުރުން ހިތުގެ ދުޅަހެޔޮކަމަށް އެހީތެރިވެދެއެވެ.
ފަޅޮލަކީ ކޮބާ؟
މިއީ ބަލާބެލުމަށް ކަރައަކާ ވައްތަރު އެއްޗަކަށް ވާތީ ކުރީގެ ޔޫރަޕްގެ ދަތުރުވެރިން މިއަށް ”ގަސް ކަރާ“ (tree melons) ކިޔައި އުޅުނެވެ. ނަމަވެސް، ފަޅޮލަކީ އަސްލު ބެރީ (berry) އެކެވެ. މިއީ މެދުތެރޭ އެމެރިކާ، އިންޑިއާ އަދި މެކްސިކޯ ފަދަ ހޫނު ސަރަހައްދުތަކުގައި ހެދޭ ގަހެކެވެ.
ފަޅޮލުގައި އެކުލެވޭ ނިއުޓްރިޝަން
ކުޑަ ފަޅޯފޮއްޗެއް ނުވަތަ (157 ގްރާމް) ހިމެނެނީ:
- 67ކެލޮރީ
- 7 ގްރާމް ޕްރޮޓީން
- 4 ގްރާމް ފެޓް
- 17 ގްރާމް ކާބޯހައިޑްރޭޓްސް
- 6 ގްރާމް ފައިބަރު
- 3 ގްރާމް ހަކުރު
މީގެ އިތުރުން ވިޓަމިން ސީ، ކެލްސިއަމް، މެގްނީޒިއަމް، ފޮސްފަރަސް އަދި ޕޮޓޭސިއަމް ފަދަ މާއްދާތައް މީގައި ގިނަ އަދަދަކަށް އެކުލެވިގެންވެއެވެ.
ފަޅޮލުން ލިބޭ ސިއްހީ ފައިދާތައް:
- ލޮލުގެ ފެނުން ރަނގަޅުވުން: ފަޅޮލަށް އޮރެންޖް ނުވަތަ ރީނދޫ ކުލަ ގެނެސްދެނީ ކެރޮޓިނޮއިޑްސް ކިޔާ މާއްދާއަކުންނެވެ. މީގައި ހުންނަ ބީޓާ-ކެރޮޓިން ހަށިގަނޑުން ވިޓަމިން އޭ އަށް ބަދަލުކޮށްދެއެވެ. މިއީ ލޮލުގެ ފެނުމަށް ވަރަށް މުހިންމު މާއްދާއެކެވެ.
- ބަލިތަކުން ދިފާއުވުން: ފަޅޮލުގައި ހިމެނޭ ގިނަ އަދަދެއްގެ ވިޓަމިން ސީގެ ސަބަބުން ކެންސަރުގެ ބައެއް ބަލިތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. އަދި ހުޅުތަކުގެ ދުޅަހެޔޮކަމަށާއި، އިސްތަށިގަނޑާއި ހަންގަނޑު ރީތިކުރުމަށާއި، ފާރު ފަސޭހަވުމަށްވެސް އެހީވެދެއެވެ.
- ދުޅަވުމުން ސަލާމަތްވުން: ފަޅޮލުގައި ހުންނަ ’ޕަޕައިން‘ (papain) ކިޔާ އެންޒައިމެއްގެ ސަބަބުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުންތަކުން ދިފާއުކޮށްދީ، ދިގު މުއްދަތުގެ ބަލިތަކުން ދުރުކޮށްދެއެވެ.
- ގޮހޮރުގެ ދުޅަހެޔޮކަން: ފަޅޯ ކެއުމުން ހަޖަމުކުރުމުގެ ނިޒާމަށް ލުއި ލިބި، ގޮހޮރުގައި ހުންނަ ބޭނުންތެރި ބެކްޓީރިއާތަކަށް ބާރު ލިބެއެވެ.
- ހަކުރު ދަށްކުރުން: ފަޅޯ ކެއުމުން ލޭގައި ހަކުރު ހުންނަ މިންވަރު ދަށްކޮށްދެއެވެ. ނަމަވެސް ހަކުރު ބައްޔަށް ބޭސްކުރާ މީހުން މިއަށް ސަމާލުވާންޖެހެއެވެ. ސަބަބަކީ ހަކުރު މާބޮޑަށް ދަށްވެދާނެތީއެވެ.
- ހިތުގެ ދުޅަހެޔޮކަން: ފަޅޮލުގައި ހުންނަ ޕޮޓޭސިއަމްގެ ސަބަބުން ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްދީ، ހިތުގެ ބަލިތަކުންނާއި ސްޓްރޯކް ޖެހުމުން ރައްކާތެރިކޮށްދެއެވެ.
ފަޅޯ ކެއުމުގައި ސަމާލުވާންޖެހޭ ކަންކަން:
އަންނަނިވި ހާލަތްތަކުގައި ހުންނަ މީހުން ފަޅޯ ކެއުމުގައި ސަމާލުވާންޖެހެއެވެ:
- ލޭޓެކްސް އެލާޖީ: ލޭޓެކްސް އަށް އެލާޖިކްވާ މީހުން ނުފާ ހުންނަ ފަޅޯ ކެއުމުން ނުރައްކާތަކެއް ކުރިމަތިވެދާނެއެވެ.
- ނޭވާހިއްލުން: ނޭވާހީއްލުމުގެ މައްސަލަ ހުންނަ މީހުންނަށް ފަޅޮލުގެ އެންޒައިމްގެ ސަބަބުން ނޭވާލާން އުނދަގޫވެދާނެއެވެ.
- ލޭ ތުނިކުރާ ބޭސް ބޭނުންކުރުން: ލޭ ތުނިކުރާ ބޭސް ބޭނުންކުރާ މީހުން ފަޅޯ ކެއުމުން ލޭ މަނާނުވުމުގެ މައްސަލަ ދިމާވެދާނެއެވެ.
- އެހެނިހެން ބޭސްތައް: ތައިރޮއިޑް ނުވަތަ ހިތުގެ ބަލިތަކަށް ބޭސްކުރާ މީހުން ޑޮކްޓަރެއްގެ ލަފާ ހޯދުން މުހިންމެވެ.
ފަޅޮލުގެ އޮށް ކެވިދާނެތަ؟
އާނއެކެވެ، ފަޅޮލުގެ ކަޅު އޮށްތަކަކީ ކެވޭނެ އެއްޗެކެވެ. މީގެ ރަހަ ހުންނަނީ ކުޑަކޮށް ކާނޭ ނުވަތަ މިރުސް ރަހައެއް ގޮތަށެވެ. މީގައި ފައިބަރު ހުރުމުން ބަނޑުހަރުވުމުން ސަލާމަތްކޮށްދެއެވެ. ނަމަވެސް މާ ގިނައިން ކައިފިނަމަ ބަނޑުގައި ރިއްސައި، ބަނޑުދިޔާވެދާނެއެވެ.
ރަނގަޅު ފަޅޮލެއް ހޯދާނީ ކިހިނެއް؟
ފަޅޯ ގަންނައިރު އޭގެ ބޭރު ހަންގަނޑު ރީނދޫކޮށް ހުރި، އަދި އަތުން ފިއްތާލުމުން މަޑުކޮށް ހުންނަ ފަޅޯ ހިޔާރުކުރާށެވެ. ބޭރު ހަންގަނޑު ފެހިކޮށް ހަރުކޮށް ހުރިނަމަ އެއީ އަދި ނުފާ ހުރި ފަޅޮލެކެވެ. ފަޅޯ އަވަހަށް ފައްކާކުރަން ބޭނުންނަމަ، ކަރުދާސް ކޮތަޅަކަށް ލާފައި ބޭއްވިދާނެއެވެ.

