މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް ހަމަލާ ދޭން މަސައްކަތް ކުރުން، ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާލޭގައި ބޭއްވި ސިޔާސީ އެއްވުމެއްގެ ތެރެއިން މާލެ ސިޓީގެ މޭޔަރަށް އަމާޒުވި ހަމަލާއާ ގުޅިގެން ރައީސް އޮފީހުން ނެެރުއްވި ނޫސްބަޔާނުގައެވެ.
އެ ނޫސްބަޔާނުގައި ވިދާޅުވީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ރޭ މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން، މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމަށް މީހަކު ހަމަލާދޭން މަސައްކަތްކުރާ ވީޑިއޯއެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ފެނިވަޑައިގެންފައިވާކަމަށާއި، މޭޔަރަށް ހަމަލާދޭން މަސައްކަތްކުރުން އެންމެ ހަރުކަށި އިބާރާތުން އެމަނިކުފާނު ކުށްވެރި ކުރައްވާކަމަށެވެ.
ބަޔާނުގައި ވިދާޅުވީ މާލޭ ސިޓީގެ މޭޔަރަކީ ރައްޔިތުންގެ ސީދާ ވޯޓަކުން އިންތިހާބުވެވަޑައިގެންފައިވާ ބޭފުޅަކަށް ވީހިނދު، އެމަނިކުފާނަށް ނުވަތަ އެއްވެސް އެހެން ސިޔާސީ ލީޑަރަކަށް އެބޭފުޅެއްގެ ސިޔާސީ މަސައްކަތުގައި އުޅުއްވާ ވަގުތު ނުވަތަ އަމިއްލަ ދިރިއުޅުއްވުމުގައިވިޔަސް، ހަމަލާދީ އެބޭފުޅުންގެ މަސައްކަތަށް ހުރަސްއެޅުމަކީ ކޮށްގެންވާނެކަމެއް ނޫންކަމަށާއި މިފަދަ ކަންކަން ހުއްޓުވައި، ކޮންމެ ރައްޔިތަކަށްމެ ބިރުވެރިކަމެއް ނެތް، އަމާން މާހައުލެއް ޤާއިމުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތްކުރަމުންދާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އަރުވާކަމަށެވެ.
މި ހާދިސާއާ ގުޅޭގޮތުން ޗީފް ގަވަރންމަންޓް ސްޕޯކްސްޕަރސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވަނީ މީޑިއާއަށް ބަޔާނެއް ދެއްވާފައެވެ.
ތަރުޖަމާނު ވިދާޅުވީ މި ހަމަލާއަކީ ސަރުކާރުން ކޮށްފައިވާ ކަމެއްކަމަށް މޭޔަރު އާދަމް އާޒިމް ވިދާޅުވެފައިވާކަމީ ހައިރާންވާކަމެއްކަމަށާއި އެއީ ކޮން ކަމެއްގެ މައްޗަށް ނުވަތަ، ކޮން ހެއްކަކާ ޤަރީނާއެއްގެ މައްޗަށް ބިނާކޮށް ވިދާޅުވި ވާހަކަފުޅެއްކަމެއް ހަމަ އެއްގޮތަކަށްވެސް އެނގިވަޑައިނުގަންނަވާކަމަށެވެ.
އަދި މިއީ ސަރުކާރާ އެއްވެސް ގުޅުމެއް އޮތްކަމެއް ނޫންކަމަށާއި، ސަރުކާރުގެ ފަރާތުން މިފަދަ ކަމެއް ނުކުރާނެ ކަމުގެ ޔަގީންކަން އެންމެހައި ފަރާތްތަކަށް އަރުވާކަމަށްވެސް ތަރުޖަމާނު ވިދާޅުވިއެވެ. އޭގެ އިތުރުން، މޭޔަރު އާދަމް އާޒިމް އެވިދާޅުވީ ކަނޑައެޅިގެން ދޮގު ވާހަކައެއްކަމަށާއި، މިފަދަ ދޮގު ތުހުމަތުކުރެއްވުމަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށް ވެސް މުންދު ފާހަގަކުރައްވައެވެ.

