ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެން، އެ ދާއިރާގެ ބައި-އިލެކްޝަނަށް ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓެއް ކަނޑައެޅުމަށް ބޭއްވި ޕްރައިމަރީ ކާމިޔާބުކޮށް، ކުރިން ވެސް މެންބަރުކަމުގައި ހުންނެވި މުހައްމަދު ސިނާން، ޕީއެންސީގެ ޓިކެޓު ހޯއްދަވައިފިއެވެ.

އެ ދާއިރާގެ ބައި-އިލެކްޝަނެއް ބާއްވަން ނިންމީ، އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި ޕީއެންސީއަށް ނިސްބަތްވާ މުހައްމަދު ސިނާންގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާ ގުޅިގެންނެވެ.

ސިނާންގެ ގޮނޑި ގެއްލުނީ އިސްލާމިކް ބޭންކުން ނެގި ލޯނަކަށް ދައްކަންޖެހޭ 2.5 މިލިއަން ރުފިޔާ، ކޯޓު ހުކުމާ އެއްގޮތަށް ދައްކާފައި ނުވާކަން ސާބިތުވުމުންނެވެ.

ޕީއެންސީގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ހެނދުނު މާލެ އާއި އައްޑޫ ސިޓީ ހިތަދޫގައި ވަނީ ކުރިއަށް ގެންގޮސްފައެވެ.
ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 9:00 އިން ފެށިގެން ހަވީރު 4:00ގެ ނިޔަލަށެވެ.

ޕްރައިމަރީގައި ސިނާންއާ ވާދަކުރެއްވީ އައްޑޫ ސިޓީގެ ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާ) އެވެ. ސިނާނަށް 220 އަށްވުރެ ގިނަ ވޯޓު ލިބުނުއިރު، ސައީދަށް ލިބުނީ 199 ވޯޓެވެ.

އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ އެ ދާއިރާގެ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ގައި ބޭއްވުމަށެވެ.

މި މަހުގެ 29 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ބައި-އިލެކްޝަންގައި ވާދަކުރުމުގެ ފުރުސަތު އީސީން ވަނީ ހުޅުވާލައިފައެވެ.