”އަދަދު“ ނޫހުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުވައި ގެނެސްދިން ޑޮކިއުމެންޓްރީގައި ހިމެނެނީ ކަނޑައެޅިގެން ދޮގު ކަމަށާއި، އެކަމުގައި ޝާމިލުވާ ފަރާތްތަކާ ދެކޮޅަށް ދައުވާކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ”އައިޝާ“ މި ނަމުގައި ”އަދަދު“ އިން ގެނެސްދިން ޑޮކިއުމެންޓްރީގައިވާ ކަންކަމާ ގުޅޭ ގޮތުން އެ ނޫހުގެ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އެ ޑޮކިއުމެންޓްރީގައި ވާ ވާހަކަތަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.

”ކަނޑައެޅިގެން ދޮގު ވާހަކައެއް. ދެން އަދަދު ނޫހުން ތި ވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯއެއްގެ ވާހަކަ. އެހެންވީމާ ކަނޑައެޅިގެން ދޮގު ވާހަކަ ހިމެނޭ ގޮތަށް ތިބޭފުޅުން ވީޑިއޯއެއް ހެއްދެވި ވާހަކައަށް ތި އިއުތިރާފުވެވަޑައިގެންނެވީ.“ ރައީސް މުއިއްްޒު ވިދާޅުވިއެވެ.

މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް އެމަނިކުފާނު ދައުވާކުރަން އެދިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ”އަދަދު“ ނޫހަކީ ”ދޮންއަމާ“ގެ ނަމުގައިވެސް ވީޑިއޯއެއް ހަދައިގެން ދައުރުކުރި ނޫހެއް ކަމަށެވެ.

އެހެންވެ، އެ ނޫހުން އެ ފަދަ ކަމެއް ތަކުރާރު ކުރުމަކީ ހައިރާންވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ވެސް ރައީސް މިއަދު ވިދާޅުވިއެވެ.