ބިނާކުރަނިވި ފާޑުކިޔުމާއި ނޫސްވެރިކަމުގެ ނިވަލުގައި ތިބެ ދޮގު ޚަބަރު ފަތުރައި މީހުންގެ އަބުރު ކަތިލުމަކީ މުޅިން ތަފާތު ދެ ކަމެއްކަން ފާހަގަކުރައްވައި، ޒިންމާދާރުކަމާ އެކު ޚަބަރު ފެތުރުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.
ދައުލަތުން ނޫސްވެރިންނަށް ފުރިހަމަ ރައްކާތެރިކަން ދޭންޖެހޭނެކަން ގަބޫލުފުޅުކުރައްވާކަން ހާމަކުރައްވަމުން ޝަހީމް ވަނީ، މުޖުތަމަޢުގެ ނޭދެވޭ ކަންކަން އިސްލާޙުކުރުމުގައި މީޑިއާގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.
ނަމަވެސް، އިސްލާމްދީނުގެ އުސޫލުތަކާއި ގާނޫނީ އިމުން ބޭރުވެ، ސިޔާސީ ހަތިޔާރެއްގެ ގޮތުގައި ނޫސްވެރިކަން ބޭނުންކުރުމަކީ މުޅި މުޖުތަމަޢުއަށް އޭގެ ގެއްލުން ފޯރާނެ ކަމެއްކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
ހަމައެހެންމެ، ރައީސް މުއިއްޒުގެ ސަރުކާރުން ނޫސްވެރިކަމަށް ދެއްވާ އަހަންމިއްޔަތުކަން، ކޮންމެ ހަފުތާއަކު މީޑިއާއާ ބައްދަލުކުރައްވައި ސީދާ ޖަވާބުދާރީވެވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅުން ސާބިތުވާކަމަށް ޑރ. ޝަހީމް ވިދާޅުވިއެވެ.

