ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހުޅުމާލެއަށް ހޮނު އަޅައި، ގެއްލުންތަކެއް ލިބިއްޖެއެވެ.

ހުޅުމާލެއަށް ހޮނު އެޅުމުގެ ސަބަބުން ފޭސް 1ގެ އިމާރާތަކަށް ވެސް ވަނީ ގެއްލުން ވެފައެވެ. އަދި ހުޅުމާލެ ފޭސް 2 އަށް ވެސް ހޮނު އަޅައިފައިވާއިރު، ބައެއް އިމާރާތްތަކުން ފެނާއި ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފައެވެ.

ގުގުރާނެ ކަމަށް ލަފާކޮށް މިރޭ 12:00 އިން ފެށިގެން ފަތިހު 5:00 އާ ހަމައަށް ޔެލޯ އެލާޓް ނެރެފައިވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅުގެ ރަށްތަކަށެވެ.

އޭގެ އިތުރުން ފަތިހު 5:00 އާ ހަމައަށް، ޅ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ރަށްތަކަށް ވައިޓް އެލާޓު ވެސް ވަނީ ނެރެފައެވެ. އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.