ފިލްމު ކުޅެ، އިންސާނެއްގެ އަބުރަށް އަރައިގަތުމަކީ އެއްވެސް މީޑިއާ އަކަށް ލިބިގެންވާ ހައްގެއް ނޫން ކަމަށް ރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވައިފައިވާ ސަފީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫސް ”އަދަދު“ އިން، ރައީސް ޑރ.މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުވައި ”އައިޝާ“ގެ ނަމުގައި ޑޮކިއުމެންޓްރީއެއް ނެރެފައިވާއިރު، އެކަމަށް އިޝާރާތް ކުރައްވައި މަހުލޫފު އެކްސްގައި ވިދާޅުވީ، ސަރުކާރަކަށް ބޭނުންވަރަކަށް ފާޑުކިޔޭ ކަމަށާއި، ވައްކަން ކުރާނަމަ އެވާހަކަތައް ދެއްކޭ ކަމަށެވެ.
”ވެރިކަންކުރާގޮތަށްވެސް ބަސްބުނެއެވެ. ނުރަގަނޅު ކަންކަންވެސް ލިޔެވެއެވެ. ހީވެގެންވެސް އަދި ހަދަހަދައިގެންވެސް ލިޔެވެއެވެ. ދޮގެއްތޯ އަދި ތެދެއްތޯވެސް ޔަގީންނުކޮށް ލިޔެވެއެވެ. މައްސަލައެއް ނެތެވެ. އެއީ މިއަދު މީޑިއާގެ މިނިވަންކަން އޮތްހިސާބެވެ. އެހާވެސް ފުޅާކޮށް ދީފައިއޮތް ބާރެކެވެ. ތަންމިނަށް އޮތް ހައްގެކެވެ. ނަމަވެސް، ކޮންމެސް ވަރެއްގެ ހައްދެއް އަދި އިމެއް އޮންނަންވާނެތާއެވެ.“ މަހުލޫފު ވިދާޅުވިއެވެ.
މަހުލޫފު ވިދާޅުވީ، މީހަކު ބުނެގެންވިޔަސް، ޒިނޭގެ ތުހުމަތު އަޅުވާ، ފިލްމެއް ކުޅެ އިންސާނެއްގެ އަބުރަށް އަރައިގަތުމަކީ އެއްވެސް މީޑިއާއަކަށް އަދި ނޫސްވެރިއަކަށްވެސް ލިބިގެންވާ ހައްގެއް ނޫން ކަމަށެވެ.
އެކަމުން ނިގުޅައިގަނެވެނީ އަނެކާގެ ހައްގު ކަމަށާއި އެއީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަދި އެއީ ރަނގަޅު ގޮތެއްވެސްނޫންކަން ފާހަގަކުރައްވައި، މިކަމާމެދު ފުންކޮށް ނޭވާއެއްލައި ވިސްނާލުމަށް މަހުލޫފު ގޮވައިލެއްވިއެވެ.

