މުސްލިމެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުމަކީ، އެއީ ތެދަކަށް ވިޔަސް ދޮގަކަށް ވިޔަސް، ނުބައިވެގެންވާ ބޮޑުވެގެންވާ ފާފައެއް ކަމަށް ޝެއިހު އާދަމް ނިޝާން ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝެއިހު ވިދާޅުވީ، ދުލުގެ އާފާތަކީ ނިކަން ނުބައިވެގެންވާ ބޮޑުވެގެންވާ އާފާތެއް ކަމުގައެވެ.

ތިމާ ނުވަތަ ތިމާގެ އަނބި ނުވަތަ ފިރި ނުވަތަ ދަރިން ޒިނޭގެ ތެރެޔަށް ވެއްޓެން ނޭދޭނަމަ، އެއްވެސް މީހެއްގެ ބޮލުގައި އެކަހަލަ ތުހުމަތުތައް އަޅުވައި، އެފަދަ ވާހަކަ ދައްކާ، އެފަދަ ޕޯސްޓުތައް ޝެއަރކޮށް ހެދުމުން ވަގުތުން ދުރުވެގަންނަން ޖެހޭ ކަމުގައި ވެސް ޝެއިހު ވިދާޅުވިއެވެ.

ޝެއިހު އާދަމް ނިޝާން މިފަދައިން ވިދާޅުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިސްތަށިފުޅުގައި ޒިނޭގެ ތުހުމަތު އަޅުވައި، އޮންލައިން ނޫސް ”އަދަދު“ އިން ވަނީ ޑޮކިއުމެންޓްރީއެއް ތައްޔާރުކޮށް އާއްމުކޮށްފައެވެ.

މިކަމާ ގުޅިގެން، ގިނަ ބައެއްގެ ފާޑުކިޔުން އެ ނޫހަށް އަމާޒުވިއެވެ. އަދި މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، ”އަދަދު“ ނޫހުގެ އިސް ފަރާތްތަކެއްގެ ޕާސްޕޯޓު ވެސް ވަނީ ހިފަހައްޓައިފައެވެ.