ދެކުނު ސޫދާނުގައި ދިރިއުޅެމުންދާ އަށް މިލިއަނެއްހައި މީހުން ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވުމުގެ ފުރުސަތު އެބައޮތް ކަމަށް އެހީދޭ ޖަމާއަތްތަކާ ހަވާލާދީ ޔުނައިޓެޑް ނޭޝަންސްގެ ރިޕޯޓެއްގައި ބުނެފިއެވެ.

ޔޫއެން އިން އަންގާރަ ދުވަހު ނެރުނު ރިޕޯޓުގައި ބުނީ، ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ސަބަބުން ހުޅަނގު އެފްރިކާގެ ސޫދާން އިން 7.8 މިލިއަން މީހުން ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވެގެން ދިޔުމުގެ ބިރުވެރިކަން އުފެދިފައިވާ ކަމުގައެވެ. މި އަދަދަކީ އެ ގައުމުގެ އާބާދީގެ 56 އިންސައްތައެވެ.

ދަ ފުޑް އެންޑް އެގްރިކަލްޗަރ އޮގަނައިޒޭޝަން އާއި، ވޯލްޑް ފުޑް ޕްރޮގްރާމް އަދި ދަ ޔުނައިޓެޑް ނޭޝަންސް ޗިލްޑްރަންސް ފަންޑް (ޔުނިސެފް) އިން ވަނީ، މިކަން ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖްތަމައުއަށް ގޮވައިލައިފައެވެ. އެގޮތުން ސޫދާނަށް މި ހާލަތު އަޔަ ނުދޭން މަސައްކަތް ނުކުރެވިއްޖެނަމަ، އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވެދާނެ ކަމަށް ވެސް އެފަރާތްތަކުން އިންޒާރު ދެއެވެ.

ޔޫއެންގެ ރިޕޯޓުގައި ވަނީ، ސޫދާންގެ އުމުރުން 6 މަހާއި 5 އަހަރާ ދެމެދުގެ ތުއްތު ކުދިން ވެސް ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާކަން ފާހަގަކޮށް، ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި، ބަނޑުހައިކަން ކުރިމަތިވެފައިވާ އެ އުމުރުފުރާގެ ކުދިންގެ އަދަދު ލައްކައަކަށް އިތުރުވެ، ޖުމްލަ 2.2 މިލިއަނަށް އަރާފައިވާ ކަމަށް ބުނެފައެވެ.

ދެކުނު ސޫދާންގެ އިގްތިސާދީ ހާލަތު ވެސް ގޯސްވެފައިވުމަކީ، އެ ގައުމުގެ ގިނަ ބަޔަކު ބަނޑުހައިހޫނުކަން ތަހައްމަލު ކުރަންޖެހޭ އިތުރު ސަބަބެކެވެ. ހަމަނުޖެހުންތަކުގެ ސަބަބުން ސޫދާންގައި ރަނގަޅު ކާނާ ލިބުން ދަތިވެފައިވާއިރު، އެކަށީގެންވާ ސިއްހީ ހިދުމަތްތައް ވެސް ނުލިބެއެވެ.