މޫސުން ގޯސްވެ، ކ.އަތޮޅުން ފެށިގެން ލ.އަތޮޅަށް ޔެލޯ އެލާޓު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން މި ސަރަހައްދަށް އެލާޓު ނެރެފައި ވަނީ މިރޭ ދަންވަރު 12:00 އިން ފެށިގެން ފަތިހު 5:00 ޖެހުމާއި ހަމައަށެވެ.

މެޓުން ބުނީ، އެލާޓު ނެރެފައިވާ ވަގުތުގައި ބާރަށް ގުގުރުން އެކަށިގެންވާކަމަށެވެ.

މާލެ ސަރަހައްދަށް މިރޭ ބޯކޮށް ވާރޭ ވެހިފައިވާއިރު، ވިދާ ގުގުރައި، ހުޅުމާލެއަށް ހޮނު ވެސް އަޅައިފައެވެ. މިކަމުގެ ސަބަބުން ހުޅުމާލެ ފޭސް ވަންގެ އިމާރާތަކަށް ވެސް ގެއްލުންވިއެވެ. އަދި ބައެއް ގެތަކުން ކަރަންޓުގެ ހިދުމަތް ވެސް ކެނޑުނެވެ.