ދިވެހިރާއްޖޭގައި އެކި ދާއިރާތަކުގައި ހިދުމަތްކުރާ ދޭސީ އަދި ބިދޭސީ މަސައްކަތްތެރީންގެ ހައްގުތައް ރައްކާތެރިކޮށްދިނުމާއެކު، މަސައްކަތްތެރިކަން ކުރިއެރުވުމުގައި ސަރުކާރުން ގެންގުޅެނީ ވަށައިޖެހޭ، އަދުލުވެރި ސިޔާސަތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.
އެގޮތުން، ސްކޫލް ދަރިވަރުންނަށް މަސައްކަތް ދަސްކޮށްދިނުމަށް ހާއްސަ ސަމާލުކަމެއްދީ، ރާއްޖޭގެ ފުރަތަމަ ވޮކޭޝަނަލް ހައިސްކޫލް ޤާއިމުކޮށް، ގައުމަށް މުހިންމު އެކި ދާއިރާތަކުން މީހުން ތަމްރީނުކުރުމުގެ ޕްރޮގްރާމްތައް ފައްޓަވައި، އެކި ބާވަތުގެ ފަންނާއި ހުނަރު ކުރިއެރުވުމަށް ސަރުކާރުން ހިލޭ އެހީ އާއި ލުއިލޯނު ދިނުން އިތުރުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ދިވެހި އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުން ޖާގަ ހޯދައިދިނުމަށް، ސަރުކާރުން އިސްނަންގަވައިގެން ބޮޑެތި އީ-ކޮމަރސް މަންސަތަކާއެކު ފެއްޓެވި މަސައްކަތުގެ މޭވާ ލިބެންފަށާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީން ގާނޫނަށް ފައްތައި ބެލެހެއްޓުމުގައި މިދިޔަ އެއްވެސް ސަރުކާރަކުން ނާޅާ ފަދަ ހަރުދަނާ ފިޔަވަޅުތައް މި ސަރުކާރުން އަޅާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ދިވެހީންނަށް ނޫނީ ރާއްޖޭގައި ނުކުރެވޭނެ މަސައްކަތްތަކާއި އަދާ ނުކުރެވޭނެ ވަޒީފާތައް ކަނޑައަޅައި، އެކަން ތަންފީޒުކުރަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމަށް ހާއްސަ މަސައްކަތްތައް ކުރައްވަމުންގެންދަވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ޢުމުރުން 65 އަހަރުވުމަށް ފަހުވެސް ވަޒީފާއަދާކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުޞަތު ހުޅުވާލެވިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި މި ސަރުކާރަކީ، އެންމެ ގިނަ މަސައްކަތްތެރީންނާ ސީދާ ބައްދަލުކޮށް، އެފަރާތްތަކުގެ ކަންބޮޑުވުން އެންމެ ގިނައިން އަޑުއެހި ސަރުކާރަށް ވާނޭކަންވެސް، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އަދި އެކި ފަންތީގެ މަސައްކަތްތެރީންނަށް، އެތައް އަހަރެއް ވަންދެން ހައްލު ނުލިބިފައި ހުރި މައްސަލަތަކަށް ޙައްލު ހޯއްދަވައިދެވިފައިވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ކާބަފައިން ބިނާކުރި ދިވެހިވަންތަ ހަޟާރަތުގައި، މަސައްކަތްތެރިކަމާއި ހުނަރުވެރިކަމާއި މުރާލިކަމުގެ އެތައް ހާސް ނަމޫނާއެއް ފެންނާން އެބަހުރިކަންވެސް އެމަނިކުފާގެ ހިތާބުގައި ވަނީ ފާހަގަކުރައްވާފައެވެ.
އަދި ޒަމާނާ އެކު ބަދަލުވެ، ބަވަނަވަމުންދާ ދުނިޔޭގައި، އުފެއްދުންތެރި، މަސައްކަތްތެރި، ވަރުގަދަ އިގްތިސާދެއްގެވެރި ބައެއްގެ ގޮތުގައި ދިވެހީން ދެމިތިބުމަކީ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްކޮށް ދެމެހެއްޓުމަށް މުހިންމު ރުކުނެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ މަސައްކަތްތެރީންގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގެ އެކްސްގައިވެސް ރައީސް ވަނީ ދުވަހުގެ ތަހުނިޔާ ފޮނުއްވާފައެވެ.
ރައީސް މެސެޖުގައި، އަމިއްލަ ނަފްސާއި ޢާއިލާގެ ފުދުންތެރިކަމަށްޓަކައި، އަދި ޤައުމުގެ ލާބައާއި މަންފާއަށްޓަކައި ކޮންމެ ދާއިރާއެއްގައި ބުރައުފުލާ މަސައްކަތްތެރިއަކީވެސް ޝަރަފްވެރިއެއްކަމަށާއި އެއީ މި ޤައުމުން އަގުވަޒަން ކުރާނެ ހިދުމަތްތެރިއެއްކަމުގައި ވިދާޅުވިއެވެ.
އަދި ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަނީ، ދިވެހިރާއްޖެ މިއަދު މިދެކޭ ކުރިއެރުންތައް މި ގައުމަށް ގެނެސްދިނީވެސް، އަދި މާދަމާއަށް ދިވެހީންކުރާ އުންމީދުތައް ހަގީގަތަކަށް ހަދައިދެވޭނީވެސް ހީވާގި މަސައްކަތްތެރީންނަށްކަން ޤަބޫލުކުރައްވަމުން، އެކަމަށްޓަކައި ހިތްޕުޅުގެ އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަމުންކަމުގައި ރައީސް މެސެޖުގައި ހާމަކުރެއްވިއެވެ.

