ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ސްރީލަންކާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު މެންދުރު ފަހު ފުރާވަޑައިގެންފިއެވެ.

ރައީސްގެ ދެކަނބަލުން މިހިނގާ މޭ މަހުގެ 3 އިން 6 އަށް ކުރައްވާ މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، އެ ގައުމަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް ސްރީލަންކާގެ އިސްވެރިންނާ ބައްދަލުކުރައްވައި، ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެއެވެ.

މީގެ އިތުރުން، ތައުލީމާއި، ފަންނީ ތަމްރީނާއި، އިގްތިސާދީ އެއްބާރުލުމާއި، ހިންގުމުގެ ދާއިރާގެ އިތުރުން ތަރިކަ އަދި ބައިނަލްއަގުވާމީ މައިދާންތަކުގައި އެކުގައި މަސައްކަތްކުރެވޭނެ އައު މަގުތައް ހޯދުމާ ގުޅޭގޮތުން ވެސް ދެ ގައުމުގެ އިސްވެރިންނާއި އެކު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ދެ ގައުމުގެ ރައީސުންގެ ހާޒިރުގައި، ތަފާތު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފަހުމުނާމާތަކުގައި ސޮއިކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިދަތުރުފުޅުގައި ރައީސް މޯލްޑިވްސް-ސްރީލަންކާ ބިޒްނަސް ފޯރަމް ގައި ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އަދި ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާވެސް އެމަނިކުފާނު ބައްދަލުކުރައްވާނެއެވެ.

މި ދަތުރުފުޅުގެ ސަބަބުން ދެ ގައުމުން އިސްކަންދޭ އެކި ދާއިރާތަކުގެ އިތުރުން ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

މި ދަތުރުފުޅަކީ 2025 ޖުލައި 28 އިން 30 އަށް ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރައީސް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތާ ގުޅިގެން ކުރެއްވި ދަތުރުފުޅެކެވެ.

ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ހާރިޖީ ގުޅުން ގާއިމުކުރެވުނީ 1965 ޖުލައި 26 ގައެވެ.