ތަރައްގީގެ މުހިންމު ދާއިރާތަކުން ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއަށް ގެންދެވީ، ރައީސް ޑރ.މުހައްމަދު މުއިއްޒު ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ގައުމުގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް، ފޮރިން އެމްޕްލޯއިމަންޓް އެންޑް ޓޫރިޒަމް، އެމްޕީ، ވިޖިތަ ހޭރަތު، މިއަދު ރައީސްގެ އަރިހަށް ކުރެއްވެވި އިހުތިރާމުގެ ޒިޔާރަތުގެ ތެރެއިންނެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮތް 60 އަހަރުވީ ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.
އަދި ދެ ގައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުމަކީ އެއްގޮތް އުސޫލުތަކާއި، ބަދަހި ގުޅުމުގެ މައްޗަށް ބިނާވެފައިވާ ގުޅުމެއްކަން ދެބޭފުޅުން ފާހަގަކުރެއްވިއެވެ.
ހަމަމިއާއިއެކު ދެ ގައުމުގެ ލާބައާއި މަންފާއަށް އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގައި ދެމިތިއްބަވާނެކަމުގެ ޔަގީންކަން ދެ ބޭފުޅުންވެސް އެރުވިއެވެ.
މީގެ އިތުރުން، ތަރައްގީގެ މުހިންމު ދާއިރާތަކުން ގުޅުން ބަދަހިކުރުމަށާއި، ހާއްސަކޮށް ތިމާވެށި ހިމާޔަތްކުރުމާއި، ފަތުރުވެރިކަން އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
ރައީސްގެ ދެކަނބަލުން، މިހިނގާ މޭ މަހުގެ 3 އިން 6 އަށް ކުރައްވާ މި ދަތުރުފުޅަކީ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ދަޢުވަތަކަށް، ކުރައްވާ ފުރަމާނަ ދަތުރުފުޅެކެވެ.

