ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެގެ ރިޔާސަތުގައި، ދެ ގައުމުން ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވައިފިއެވެ.

ރައީސް ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ހިމެނިގެން ކުރިއަށްގެންދެވި މި މަޝްވަރާތައް ބާއްވަވާފައިވަނީ، މިއަދު ކޮލަމްބޯގެ ޕްރެސިޑެންޝަލް ސެކްރެޓޭރިއަޓްގައެވެ.

މިއަދުގެ މަޝްވަރާތަކުގައި ދެބޭފުޅުން ވަނީ، އަވަށްޓެރި ދެ ޤައުމުގެ ދެމެދުގައިވާ 60 އަހަރުވީ ސިޔާސީ ގުޅުމުގެމައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ދެ ގައުމުގެ ގުޅުމަށް 60 އަހަރު ފުރިފައިވަނީ ޖުލައި 2025ގައެވެ. މީގެ އިތުރުން ދިވެހިރާއްޖޭގެ ރައްޔިތުންނާ ސްރީލަންކާގެ ރައްޔިތުންނާ ދެމެދު އޮންނަ ބަދަހި ގުޅުން ފާހަގަކުރައްވައި، ދެޤައުމުގެ ތަރައްގީގައި ކޮންމެ ގައުމަކުންވެސް އަދާކުރަމުން އަންނަ ދައުރަށްވެސް ދެބޭފުޅުން އަލިއަޅުއްވާލެއްވިއެވެ.

ދެ ގައުމުގެ ރަސްމީ މަޝްވަރާތައް ނިންމަވާލައްވާފައިވަނީ، އިގްތިސާދީ، ޒުވާނުންގެ ތަރައްގީ، ތައުލީމް، ތާރީހާއި ސަގާފަތް، ސިއްހީ، ދިފާއީ، މަސްވެރިކަމުގެ ދާއިރާތައް ހިމެނޭހެން ދެ ގައުމުގެ މެދުގައި ގުޅުންތައް ހަރުދަނާކުރެވިގެންދާނޭކަމަށް ދެކިވަޑައިގަންނަވާކަމުގައި، ދެ ބޭފުޅުންވެސް އިއްތިފާގުވެވަޑައިގަންނަވަމުންނެވެ.

ރަސްމީ މަޝްވަރާގައި، ދެޤައުމުގެ ކެބިނެޓް ވަޒީރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.