ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ހަނދާނީ ގަސް އިންދުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ބައިވެރިވެވަޑައިގެންފިއެވެ.

ކޮލަމްބޯގެ ވިހާރަ މަހާ ދޭވީ ޕާކްގައި ބޭއްވި މި ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ދެންނެވީ ސްރީލަންކާގެ ރައީސް، ހިޒް އެކްސެލެންސީ އަނޫރާ ކުމާރާ ޑިސަނާޔަކެއެވެ.

މި ރަސްމިއްޔާތުގައި ދެ ބޭފުޅުން އިންދަވާފައިވަނީ “ހޯސްފީލްޑިއާ އިރީއޫގެޑީ“ ނަމަކަށް ކިޔާ ގަހެކެވެ. މި ގަހަކީ ސްރީލަންކާއަށް ހާއްސަ އަދި ނެތިދިއުމުގެ ބިރު ހީވެފައިވާ ގަހެކެވެ.

ހަނދާނީ ގަސް އިންދުމުގެ ހަރަކާތަކީ، ދެ ގައުމުގެ އެކުވެރިކަމުގެ ބަދަހި ގުޅުމާއި، ސިޔާސީ ގުޅުމާއި ޒަމާންވީ އެކުވެރިކަން ދެމިއޮތްކަން ރަމްޒުކޮށްދޭ ކަމެކެވެ. އަދި މިއީ ތިމާވެށީގެ ދެމެހެއްޓެނިވިކަމަށާއި އަންނަން އޮތް ޖީލުތަކުގެ ލާބައާއި މަންފާއަށްޓަކައި ދެ ގައުމުން ކުރާ ގުޅިފައިވާ މަސައްކަތްތައް ހާމަކޮށްދޭ ރަމްޒެއްވެސް މެއެވެ.

މި ގަސްއިންދުމުގެ ހަރަކާތަކީ ރައީސް ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ރަސްމީ އެޖެންޑާގެ ތެރޭގައި ހިމެނިގެން ކުރިއަށްދިޔަ ހަރަކާތެކެވެ.

މި ދަތުރުފުޅަކީ ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށާއި، ދެ ގައުމަށް ފައިދާހުރި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށްޓަކައި ކުރައްވާ މަތީ ފަންތީގެ ދަތުރުފުޅެކެވެ.

1965 ޖުލައި 26 ގައި ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ގާއިމުކުރިފަހުން މިއަދާއި ހަމައަށްވެސް، ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަނީ ބަދަހި އެކުވެރި ގުޅުމެކެވެ. މި ގުޅުން ބިނާވެފައިވަނީ ދެ ގައުމުގެ މެދުގައި އޮތް އިހްތިރާމާއި، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ޒަމާންވީ ގާތް ގުޅުމުގެ މައްޗަށެވެ.