ރައީސް ޑރ.މުހައްމަދު މުއިއްޒު ސްރީލަންކާއަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅަކީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު، މުސްތަގުބަލަށް އަމާޒު ހިފާފައިވާ އާ ބަދަހި ގުޅުމެއްގެ ފެށުމެއް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ، ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގައި، އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއާއެކު ކުރިއަށް ގެންދެވި މަޝްވަރާ ބައްދަލުކުރެއްވުމަށްފަހު ނޫސްބަޔާން އިއްވަވަމުންނެވެ.
އެމަނިކުފާނުގެ ބަޔާން ފަށްޓަވަމުން، ކޮލަމްބޯގައި ހުންނެވުމަކީ ލިބިވަޑައިގަންނަވާ ވަރަށް ބޮޑު ޝަރަފެއްކަމުގައި ވިދާޅުވިއެވެ.
އަދި އެމަނިކުފާނާއި އެމަނިކުފާނުގެ ވަފުދަށް ވިދާޅުވި ހޫނު މަރުހަބާއާއި އަދާކުރެއްވި މެހެމާންދާރީއަށްޓަކައި، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެއަށާއި، އެ ގައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް އިހުލާސްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި، މި ފުރަމާނަ ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް އަވަށްޓެރި ގާތް ގުޅުމަށް އައު ދިރުމެއް ގެނެސްދެއްވުމުގެ ދަތުރުފުޅެއްގެ އިތުރުން، ރާއްޖެއާއި ސްރީލަންކާއާ ދެމެދު، މުސްތަގުބަލަށް އަމާޒު ހިފާފައިވާ އައު ބަދަހި ގުޅުމެއްގެ ފެށުމެކެވެ.
ރައީސް ޑިސަނާޔަކެއާއެކު ކުރިއަށްގެންދެވި ރަސްމީ ވާހަކަފުޅުތަކަކީ ވަރަށް ކާމިޔާބު މަޝްވަރާތަކެއްކަން ފާހަގަކުރައްވައި، ދޭދޭ ގުޅުންތަކާއި، ސަރަޙައްދީ އަދި ދުނިޔޭގެ މަސްރަހުގެ މުހިންމު ކަންކަމާ ގުޅޭގޮތުން އެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދެއްކެވިކަމަށް ރައީސް ވިދާޅުވިއެވެ.
އަދި މިއަދު ސޮއިކުރެވުނު ފަހުމުނާމާ (އެމްއޯޔޫ)ތަކާއި އެއްބަސްވުންތަކަށް އަލިއަޅުއްވާލައްވައި، އެމަނިކުފާނު ވިދާޅުވީ މިހާރު އެންމެ މުހިންމު އިސްކަމެއް ދެއްވާނީ މި ކަންކަން ތަންފީޒުކޮށް، ދެ ގައުމުގެ ރައްޔިތުންނަށް އޭގެ ހަގީގީ މަންފާ ހޯދައިދިނުމަށް ކަމަށެވެ.
ދެ ގައުމުގެ މަޝްވަރާތަކުގެ މައިގަނޑު އަސާސަކީ އިގްތިސާދީ އެއްބާރުލުންކަން ފާހަގަކުރައްވައި، ރާއްޖޭގެ ތަރައްގީގައި ސްރީލަންކާގެ ރައްޔިތުން އަދާކުރާ މުހިންމު ދައުރާއި، ސްރީލަންކާގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ހިއްސާ، ރައީސް ފާހަގަކުރެއްވިއެވެ.
އަދި ވިޔަފާރިއާއި އިންވެސްޓްމަންޓް ފުޅާކުރުމަށާއި، އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމުކޮށް، ވިޔަފާރީގެ އައު ފުރުސަތުތައް ހުޅުވައިދިނުމަށް ދެ ގައުމުން މަސައްކަތްކުރާނެކަމުގެ ޔަގީންކަން ވެސް އެމަނިކުފާނު ދެއްވިއެވެ.

