ސްރީލަންކާގެ ގާނޫނު ހަދާ މަޖިލިހުގެ ރައީސް އޮނަރަބަލް (ޑޮކްޓަރ) ޖަގަތް ވިކްރަމަރަތްނަ އެމްޕީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ރައީސް ސްރީލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން ބޭއްވެވި މި ބައްދަލުވުމުގައި، ދެބޭފުޅުން ވަނީ ދެ ގައުމުގެ މެދުގައި އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

އަދި، މި ގުޅުމަކީ، ހަމައެކަނި ސިޔާސީ ގުޅުމެއް ނޫންކަމަށާއި ދެ ގަމުގެ ރައްޔިތުންގެ މެދުގައިވެސް ހާއްސަ ގުޅުމެއް އުފެދިފައިވާކަމަށްވެސް ދެބޭފުޅުން ފާހަގަކުރެއްވިއެވެ.

 

މީގެ އިތުރުން، ދެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުގެ ގުޅުން ހަރުދަނާކުރުމުގެ ގޮތުން، މޯލްޑިވްސް-ސްރީލަންކާ ޕާލިމެންޓަރީ ފްރެންޑްޝިޕް ގްރޫޕާއި ސްރީލަންކާ-މޯލްޑިވްސް ޕާލިމެންޓަރީ ފްރެންޑްޝިޕް އެސޯސިއޭޝަން މެދުވެރިކޮށް މަސައްކަތްކުރުމުގެ މައްޗަށްވެސް ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.

ހަމައެހެންމެ، މުއައްސަސާތަކުގެ ހިންގުން ހަރުދަނާކުރުމަށް، ދެ ގައުމުގެ ޤާނޫނުހަދާ މަޖިލިސްތަކުގެ މެދުގައި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށް، މައުލޫމާތު ހިއްސާކުރުމަކީ މުހިންމުކަމެއްކަމަށްވެސް ދެބޭފުޅުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވާފައިވަނީ، ދެ ގައުމުގެ ގާނޫނު ހަދާ މަޖިލިހުގެ މެންބަރުންގެ މެދުގައި އެއްބާރުލުން އިތުރަށް ފުޅާކޮށް، ދެ.ގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ބޭފުޅުންވެސް އިއްތިފާގުވެވަޑައިގަންނަވަމުންނެވެ.

ދެ ގައުމުގެ ދެމެދުގައި ހާރިޖީ ގުޅުން ގާއިމުކުރިތާ 60 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކޮށްފައިވަނީ ޖުލައި 2025 ގައެވެ.