ރައީސް ޑރ.މުހައްމަދު މުއިއްޒުއާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ޝަރަފުގައި ސްރީލަންކާގެ ރައީސް، އަނޫރާ ކުމާރާ ޑިސަނާޔަކެ ދެއްވި ރަސްމީ ޖާފަތުގައި، ރައީސްގެ ދެކަނބަލުން ރޭ ބައިވެރިވެވަޑައިގެންފިއެވެ.

މި ޖާފަތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވަނީ އެމަނިކުފާނާއި އަނބިކަނބަލުންގެ އިތުރުން، މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހި ވަފުދުގެ މެންބަރުންނަށް ސްރީލަންކާ ސަރުކާރާއި ރައްޔިތުން ވިދާޅުވި ހޫނު މަރުހަބާއާއި، އަދާކުރެއްވި ދީލަތި މެހެމާންދާރީއަށްޓަކައި ރައީސް ޑިސަނާޔަކެއަށް ނުހަނު އިހްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ.

ސްރީލަންކާއަކީ ދިވެހިރާއްޖެއާ ވަރަށް ގާތް، އިތުބާރުހުރި އަވަށްޓެރި ގައުމެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި އެކުވެރިކަމަކީ ތައުލީމީ އަދި ސިއްހީ ދާއިރާގެ އިތުރުން، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް ބަދަހި ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ ދިގު ތާރީޚެއް އޮތް ގުޅުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން، މި ދަތުރުފުޅަކީ ދެ ގައުމުގެ ބަދަހި ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރާއްޖޭގެ ތަރައްގީގައި ސްރީލަންކާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވައި، ޑިޖިޓަލް ޓްރާންސްފޯމޭޝަން، ދެމެހެއްޓެނިވި ފަތުރުވެރިކަން، އިއާދަކުރަނިވި ހަކަތަ، ތައުލީމު، އަދި ކަނޑުތައް ހިމާޔަތްކުރުން ފަދަ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމުގެ މުހިންމުކަން ރައީސް ފާހަގަކުރެއްވިއެވެ.

ހާއްސަކޮށް، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ފަދަ ދެ ގައުމަށް އާންމު ގޮންޖެހުންތަކުން އަރައިގަތުމަށް ބައިނަލްއަގްވާމީ މައިދާނުގައި ގުޅިގެން ވަކާލާތުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ދިވެހީންގެ ހިތްތަކުގައި ސްރީލަންކާގެ ރައްޔިތުންނަށް އޮތް ގަދަރާއި އިހުތިރާމަކީ ދެ ގައުމުގެ ސިޔާސީ ގުޅުމުގެ ހަގީގީ ބާރުކަމުގައެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް ރާއްޖެއާއި ސްރީލަންކާގެ އެކުވެރިކަން އިތުރަށް ވަރުގަދަވެގެންދާނެކަމުގެ ފުރިހަމަ ޔަގީންކަން އެމަނިކުފާނު އެރުވިއެވެ.

މި ރަސްމީ ޖާފަތުގައި ދެ ޤައުމުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

2026 މޭ 3 އިން 6 އަށް ކުރައްވާ މި ދަތުރުފުޅަކީ، ރައީސްގެ ދެކަނބަލުން ސްރީލަންކާއަށް ކުރައްވާ ފުރަތަމަ، ފުރަމާނަ ދަތުރުފުޅެވެ.