ށ. މިލަންދޫގައި އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ނިންމައިލައިފައިވާކަން ރައީސް ޑރ.މުހައްމަދު މުއިއްޒު އިއުލާނު ކުރައްވައިފިއެވެ.

ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިލަންދޫގައި އެއާޕޯޓް ގާއިމްކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް 31 ދުވަހުން ނިންމާފައިވާ ކަމަށެވެ.

އެ މަޝްރޫއު ފެށީ މިދިޔަ އެޕްރިލް މަހުގެ ތިން ވަނަ ދުވަހުއެވެ. 21 ހެކްޓަރުގެ ބިން ހިއްކުމުގެ މި މަޝްރޫއުގެ މަސައްކަތް ނިންމާފައިވަނީ އިއްޔެއެވެ. ނެދަލޭންޑްސްގެ ރާނީ ޑްރެޖަރު ބޭނުންކޮށްގެން މި މަސައްކަތް ކުރިއިރު، އޭގެ ކެޕޭސިޓީއަކީ 35000 ސީބީއެމްއެވެ.

އެ މަޝްރޫއުގެ ޖުމުލަ ވޮލިއުމްއަކީ 1,134,534 ސީބީއެމްއެވެ.

މިލަންދޫގައި އެއާޕޯޓު ހެދުމުގެ އެއްބަސްވުމުގައި ފިނޭންސް އެންޑް ޕްލޭނިން މިނިސްޓްރީ އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ ދެމެދު ސޮއިކުރީ ރައީސް ށ. އަތޮޅަށް މިިދޔަ އަހަރުގެ ތެރޭގައި ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.