ރާއްޖެ އެދޭ އިގްތިސާދީ މަންޒިލަށް ވާސިލުވުމުގައި އަމިއްލަ ވިޔަފާރިތަކުން އަދާކުރާ މުހިންމު ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވައި، މޯލްޑިވްސް- ސްރީލަންކާ ބިޒްނަސް ފޯރަމްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ތަގުރީރުކުރައްވައިފިއެވެ.

ސްރީލަންކާގެ ކޮލޮމްބޯގައި މިއަދު ކުރިއަށްގެންދިޔަ މި ފޯރަމުގައި އެމަނިކުފާނު ވިދާޅުވީ، 2040 ގެ ތަސައްވުރަކީ އާރުކާޓީއެއްކަމުގައި ބަލައިގެން، ދިވެހިރާއްޖެ މި ވަގުތު މި އޮތީ، ތަރައްޤީގެ ދަތުރުގެ މުހިންމު ފައްތަރެއްގައިކަމަށެވެ. އަދި ފުރިހަމައަށް ތަރައްގީވެފައިވާ، ޝާމިލު އަދި ދެމެހެއްޓެނިވި ގައުމެއް ބިނާކުރެއްވުމުގެ އަޒުމުގައި ދެމިހުންނެވިކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

2040 ގެ ތަސައްވުރުގެ މުގުލުގައިވަނީ، ތަރައްގީ ބައްޓަންކުރަންވާނީ ރައްޔިތުންގެ މަސްލަހަތުތައް އިސްކޮށްގެން، ފަންނިއްޔާތުގެ އެހީގައި ކަންކަން ފަހިކޮށްދީގެން، އަދި ތިމާވެށީގެ ކަންބޮޑުވުންތަކަށް ޒިންމާދާރުވާނޭ ގޮތެއްގައިކަމަށް ދެކޭ ގަބޫލުކުރުންކަން، އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގައުމީ އެޖެންޑާގެ މައިގަނޑު އަސާސްކަމުގައި ކަނޑައަޅުއްވާފައިވަނީ، އަމިއްލަ ވިޔަފާރިތަކުގެ އިސްނެގުމުން ފަހިކުރާ ކުރިއެރުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ވުނަކުރުމަށް ހިތްވަރުލިބޭފަދަ، އަދި ވިޔަފާރިވެރިން ބާރުވެރިކުރެވޭފަދަ ފަހި މާހައުލެއް އުފެއްދުމަށްޓަކައި، ވަރުގަދަ އަޒުމެއްގައި، ހަރުދަނާ އިސްލާހީ މަސައްކަތްތަކެއް ސަރުކާރުން ކުރައްވަމުންގެންދަވާކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެގޮތުން، ސާފު އަދި ކުރިމަގު ލަފާކުރެވޭ ފަދަ ދެފުށްފެންނަ ނިޒާމެއް ފަރުމާކޮށްގެން، ވުނޭރުންނަށް ފަހި މާހައުލެއް އުފެއްދުމުގެ މަގުސަދުގައި ފޮރިން އިންވެސްޓްމަންޓް ގާނޫނު ޒަމާނީކޮށް، ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަޔަރމަންޓްސް އިސްލާހުކުރައްވާފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.

މިއަދުގެ ތަގުރީރުގައި އެމަނިކުފާނު ވަނީ، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނަށް ގެނައި އިސްލާހުތައް ފަރުމާކުރެވިފައިހުރީ، ދިވެހިރާއްޖެ، ތަރައްގީގެ ދެންއޮތް ފިޔަވައްސަށް ގެންގޮސްދޭނޭ ފަދަ، ބަދަލުގެނުވަނިވި ފިޔަވަޅުތަކެއްގެ ގޮތުގައިކަމަށް ސިފަކުރައްވާފައެވެ.

އެގޮތުން ދިވެހިރާއްޖެއަކީ އިންޑިއާ ކަނޑުގައި ކުރިއަރަމުން އަންނަ ޑިޖިޓަލް ހަބެއްގެ ގޮތުގައި ދެކި، ވުނޭރުންގެ މެދުގައި ރާއްޖޭގައި ވުނަކުރުމުގެ އިތުބާރު އިތުރުވަމުންދާ ދިއުމުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. އަދި މިކަމުގެ ސަބަބުން، ދިވެހިރާއްޖެ ވިޔަފާރިއަށް ހުޅުވާލެވިފައިވާކަމާއި، ފަންނިއްޔާތުން ބާރުލިބިގެން، ތަރައްގީގެ މަންޒިލަކަށް ރާއްޖެ މިސްރާބުހިފާފައިވާކަން، ވުނޭރުންނަށް ރަމްޒުކޮށްދޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުންދިނުމުގެ މުހިންމުކަމުގެ މައްޗަށްވެސް މިއަދުގެ ތަގުރީރުގައި ރައީސް ވަނީ އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، ސްރީލަންކާއިން ރާއްޖޭގެ ފަތުރުވެރިކަމާއި، އިމާރާތްކުރުމާއި ހިދުމަތްދިނުމުގެ ސިނާއަތްތަކުގައި އަދާކުރާ ދައުރު ފާހަގަކުރައްވައި، އެ ގައުމަކީ، ރާއްޖޭގެ ތަރައްގީގެ ދަތުރުގެ މުހިންމު ބައިވެރިއެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި އުމްރާނީ ތަރައްގީ އާއި، ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ މޮޑެލްތަކާއި، ސުމޭކު އީޖާދާއި، ކާބޯތަކެތީގެ ރައްކާތެރިކަން ގާއިމުކުރުމުގައި ގުޅިގެން މަސައްކަތްކުރެއްވުމަށް އެމަނިކުފާނު ސްރީލަންކާއަށް ދައުވަތުދެއްވިއެވެ.

މީގެ އިތުރުން، މީޒާންހަމަ، ދެމެހެއްޓެނިވި އިގްތިސާދީ ގުޅުމަކަށް، ދެ ފަރާތުންވެސް ވުނަކުރަމުންދިއުން މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ސަރަހައްދީ ފެންވަރުގައި އީޖާދުކުރުން ކުރިއަރުވައި، ވިލުންތެރިކަން ބަލައިގަނެ، އިސްނެގުން އިތުރުކުރުމުގެ މައްޗަށްވެސް އެމަނިކުފާނުގެ ތަގުރީރުގައި އަލިއަޅުއްވާލެއްވިއެވެ.

ފޯރަމްގައި ވާހަކަފުޅުދައްކަވަމުން، މާލީ އަހުލާގަށާއި، އިގްތިސާދީ ވިލުންތެރިކަމަށާއި، ދުރު- ރާސްތާގެ ކުރިއެރުމަށް މި ސަރުކާރުން ދޭ ސަމާލުކަން ފާހަގަކުރައްވައި، އިގްތިސާދީ ތަރައްގީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުހައްމަދު ސައީދު ވަނީ، މިއީ ދެ ގައުމުގެ އިގްތިސާދީ ގުޅުމުގެ މުހިންމު ދަނޑިވަޅެއް ރަމްޒުކޮށްދޭ ފޯރަމެއްކަމަށް ވިދާޅުވެފައެވެ.