ރައީސް ޑރ.މުހައްމަދު މުއިއްޒު ސްރީލަންކާއަށް ކުރެއްވެވި ފުރަމާނަ ދަތުރުފުޅުގައި، އެ ގައުމުގައި އުޅޭ ދިވެހީންނާ ބައްދަލުކުރެއްވުމަށް 3 ގަޑިއިރު ހޭދަ ކުރެއްވި ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ، މީގެ ކުރިން ގައުމުތަކަށް ވަޑައިގަންނަވާ ރައީސުން، އެ ގައުމުތަކުގައި އުޅޭ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ނަމުގައި ފަރިއްކޮޅެއް ދެއްވައި، ތަގުރީރެއް ކުރެއްވުމަށްފަހު ބައްދަލުވުން ނިންމަވާލައްވާ ކަމުގައެވެ. އެހެންނަމަވެސް، ރައީސް މުއިއްޒު ލަންކާގައި 60 ވަރަކަށް އާއިލާއާ ބައްދަލު ކުރެއްވިއިރު، އެއްވެސް ހިފެހެއްޓުމެއް ނެތި، އެ އާއިލާތަކަށް ޝުއޫރު ފާޅު ކުރުމަށް ފުރުސަތު ދެއްވި ކަމަށާއި، އެ ވަގުތުތަކުގައި އެމަނިކުފާނު ފެން ފޮދެއް ވެސް ހިއްޕަވާފައި ނުވާ ކަމަށް މުންދު ވިދާޅުވިއެވެ.
”ރައީސުލްޖުމްހޫރިއްޔާ ދިވެހީންނާ ބައްދަލުކުރެއްވުމުގެ ނަމުގައި، މީގެ ކުރިން ރައީސުން ސްޕީޗެއް ދެއްވާފައި ވެސް ވަޑައިގަންނަވާ. މީ ސިޔާސީ ވާހަކައެއް ނޫން، އެވެސް ރައްޔިތުންނާ ބައްދަލު ކުރެވުނީތާ. ރައްޔިތުންނާ ބައްދަލު ކުރެވުނީ ދެއްތޯ؟ ރައްޔިތުން އެއް ތަނަކަށް ހާޒިރު ވީމާ، ވަޑައިގެން، ޕޯޑިއަމެއްގައި ވާހަކަފުޅު ދައްކަވާފައި، އެތަނުން ފައިބައިވަޑައިގެން ވަޑައިގަތަސް، ރައްޔިތުންނާ ބައްދަލު ކުރެވުނީތާ.“ އިސް ތަރުޖަމާނު ވިދާޅުވިއެވެ.
”މި ރައީސް، ތިން ގަޑިއިރު ވަންދެކަށް ފެން ފޮދެއްވެސް ހިއްޕަވާ ނުލައްވާ، އަޅުގަނޑު ހުރިން އެތާ. މެދުކެނޑުމެއް ނެތި، އެ ހާޒިރުގަ، އެ މާލަމުގަ ތިއްބެވިއްޔާ ތިއްބެވި އާއިލާތަކަށް އެއްވެސް ހިފެހެއްޓުމެއް ނެތި، ދައްކަވަން ބޭނުންފުޅުވާ ހުރިހާ ވާހަކައެއް، ހުށަހަޅަން ބޭނުންވާ ހުރިހާ ކަމެއް، ގެންދަވަން ބޭނުންވާ ދިގުމިނެއްގައި ގެންގޮސް، އެ ބޭފުޅުން ދެއްކެވި ހުރިހާ ވާހަކައެއް އައްސަވައި، ޖަވާބުދާރީ ވެވަޑައިގަންނަވާ ނޯޓު ކުރައްވާ ހެއްދެވި.“ މުންދު އިތުރަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، ރާއްޖެއާއި ރާއްޖެއިން ބޭރުގައި އުޅޭ ރައްޔިތުންނާއެކު ބާއްވަވާ ގުޅުމަށް ރައީސް މުއިއްޒު އަބަދުވެސް އިސްކަން ދެއްވަވާ ކަމަށާއި، ވެރިކަން ލިބިވަޑައިގަތުމުގެ ކުރިން، މާލޭގެ މޭޔަރު ކަމުގައި ހުންނެވިއިރު ވެސް އެމަނިކުފާނަކީ ސީދާ ގޭގެއަށް ވަޑައިގެން ވެސް ރައްޔިތުންނާ ބައްދަލު ކުރެއްވެވި ބޭފުޅެކެވެ.

ކޮލޮމްބޯގައި އުޅޭ ރައްޔިތުންނާއި ރައީސް ބައްދަލު ކުރެއްވީ މި މަހުގެ ފަސް ވަނަ ދުވަހުއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ދިވެހިރާއްޖެ އާއި ސްރީލަންކާއާ ދެމެދު ފަރުދީ ފެންވަރުގައި އޮންނަ ގާތް ގުޅުން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ސްރީލަންކާގެ ސަރުކާރާއެކު ކުރިއަށްގެންދެވި މަޝްވަރާތަކުގައި، ވިސާއާ ގުޅުންހުރި މައްސަލަތައް ފަދަ، އެ ޤައުމުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމާމެދު ވާހަކަދެކެވުނުކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
އަދި ދެފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުން އެ ކަންކަމަށް ދެމެހެއްޓެނިވި ޙައްލެއް ލިބޭނޭކަމުގެ ޔަޤީންކަން އެބައޮތްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

