ތެލެސީމިއާ ދުވަސް ހަނދާންކޮށްދީ ދަސްކޮށްދެނީ އިންސާނިއްޔަތުކަމާއި އޯގާތެރިކަމުގެ ސިފަތައް އިސްކޮށް ކޮންމެ ދިވެހި ދަރިއަކާއި އާއިލާއަކަށް މުޖުތަމައުގެ އެހީތެރިކަމާއި އެއްބާރުލުންދީގެން ބަދަހި ގައުމެއް ބިނާކުރުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައި ވަނީ، ދުނިޔޭގެ ތެލެސީމިއާ ދުވަހާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުއިއްޒު ވިދާޅުވީ ތެލެސީމިއާ ބަލި ތަހައްމަލުކުރަމުންދާ ކޮންމެ ފަރުދަކަށާއި އެ ފަރުދުން ނިސްބަތްވާ އާއިލާތަކަށް ބޭނުންވާނޭ ސިއްހީ އަދި އިޖުތިމާއީ ރައްކާތެރިކަން ފަހިކޮށްދިނުމުގައި ސަރުކާރުން އަދާކުރާ ޒިންމާ އާއި މަސްއޫލިއްޔަތު މުހިންމު ކަމަށެވެ.

ދުވަހުގެ މުނާސަބަތުގައި ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެންމެންގެ އޯގާތެރިކަމާއި ހެޔޮބަސްތަކަކީ ފަރުވާގެ ދެބައިކުޅަ އެއްބައި ކަމަށެވެ.

ދުނިޔޭގެ ތެލެސީމިއާ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ މޭ މަހުގެ އަށް ވަނަ ދުވަހުއެވެ.