ހުޅުމާލެ އާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ އޮތް ސަފާރީއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ދުމުގެ އަސަރުކޮށްގެން ދެ މީހަކަށް ފަރުވާ ދީފިއެވެ.

އެމްއެންޑީއެފުން ބުނީ ހުޅުމާލެ އާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދޭތެރޭ އޮތް ”އެމްޕެރާ އެކްސްޕްލޯރާ“ ސަފާރީގައި އަލިފާން ރޯވެގެން، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް، ހުޅުމާލޭ ފަޔާ ސްޓޭޝަނުން ހަރަކާތްތެރިވެފައިވާ ކަމުގައެވެ.

މި ހާދިސާގައި އެ އުޅަނދުގައި ވަރަށް ބޮޑަށް ރޯވެ، ބޯ ދުންތައް މުޅި ސަރަހައްދަށް ފެތުރިފައިވާ މަންޒަރު އާންމުވެފައިވާ ފޮޓޯތަކުން ފެނެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި ދުމުގެ އަސަރުކުރުމާ ގުޅިގެން، ސަފާރީގެ ދެ ފަޅުވެރިއަކަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި މިހާތަނަށް ސާފުވެފައި ނުވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.