މިދިޔަ ސަރުކާރުން ނަގާފައިވާ ލޯނުތަކުގެ ތެރެއިން މިއަދަށް ހަމަވާ 50 މިލިއަން ޑޮލަރުގެ ލޯނު މިއަދު ހެނދުނު ދައްކަވާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ކޮންމެ ހަފްތާއަކު ސިލްސިލާކޮށް ކުރިއަށްގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުން ދަރަނި ދެއްކުމުގައި ކުރައްވަމުންގެންދަވާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ނަގާފައި ހުރި ލޯނުތައް ދެއްކުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުން އަންނައިރު ސުކޫކުގެ ގޮތުގައި 524 މިލިއަން ޑޮލަރާއި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އާއި އެކު ޖުމުލަ 974 މިލިއަން ޑޮލަރުގެ ދަރަނި މިހާތަނަށް ދައްކަވާފައިވާކަމަށެވެ.
މީގެ ތެރޭގައި، އިންޑިއާއިން ނެގި 150 މިލިއަން ޑޮލަރުގެ ލޯނުތަކުގެ ތެރެއިން 50 މިލިޔަން ޑޮލަރު ދައްކަންޖެހޭ މުއްދަތު 2026 މެއި 11 އަށް ހަމަވާތީ، މިއަދު ހެނދުނު އެ ފައިސާ ދައްކަވާފައިވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިއީ ސަރުކާރުން ރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި، ރައްޔިތުންގެ ބޮލުން ދަރަނި ފިލުވުމަށްޓަކައި ކުރައްވަމުންގެންދަވާ ކަމެއް ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ރައްޔިތުންގެ ބޮލުގައި އެޅިފައިހުރި ބޮޑެތި ދަރަނިތަކުން ރައްޔިޔުން ސަލާމަތް ކުރަމުން ގެންދަވާނެކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.

