ރައީސް އޮފީހުގައި ބާއްވާ ނޫސް ކޮންފަރެންސްތަކަކީ ގާނޫނު މުގުރައި، ކޯޓުތަކުގެ ހުރުމަތް ކަނޑައިލައި، ދޮގު ވާހަކަ ހަދަހަދައިގެން އިއްވުމަށް އޮތް ފުރުސަތެއް ނޫންކަމަށް އިގުތިސާދީ ތަރައްގީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ ”އަދަދު“ ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ގަޒުފުކޮށް ހެދި ޑޮކިއުމެންޓްރީގެ ވާހަކަ ނުދެއްކުމަށް ކްރިމިނަލް ކޯޓުން އަމުުރުކޮށްފައިވަނިކޮށް އެ ވީޑިޔޯއާ ގުޅޭ ގޮތުން އެ ނޫހުގެ ނޫސްވެރިޔަކު ރައީސް އޮފީހުގައި ކުރިއަށްގެންދެވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސާ ސުވާލުކުރުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގަައެވެ.
ކްރިމިނަލް ކޯޓުގެ އަމުރާ ހިލާފަށް އިތުރު އެތައް ސުވާލުތަކެއް ރައީސާ ކުރަން ފެށުމުން އޭނާ އެތަނުން ނެރުނީ ރައީސް އޮފީހުގެ ސަލާމަތީ ކަންކަަން ބަލަހައްޓަވާ ބޭފުޅުންނެވެ.
ސައީދު ވިދާޅުވީ ނޫސްވެރިކަމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އަބަދުވެސް ޖާގަ ދެމުންދާނެ ކަމަށާއި، އެކަންކަމަކީ ޑިމޮކްރަސީއެއްގެ އެންމެ މުހިއްމު ވަރުގަދަ އަސާސްތައް ކަމަށެވެ.
ނަމަވެސް ލިބިފައި އޮންނަ މިނިވަންކަމުގެ ނާޖައިޒު ބޭނުންހިފައި، އެ މިނިވަންކަމުގެ ހިޔަންޏަށް ވަދެ ތިބެ، ސިޔާސީ ޕާޓީތަކުން ހަރަކާތްތައް ހިންގާ ގޮތަށް ނޫސްވެރިކަމުގެ މައިކު ބޭނުންކޮށްގެން ރައީސް އޮފީހުގެ ތެރޭގައި ހަޅުތާލުކޮށް ހަދާ މަދު ނޫސްވެރިން ނޫސްވެރިކަމުގެ މިނިވަންކަން ބޭނުންކުރަމުންދަނީ ނާޖާއިޒު ނުވަތަ ނަހަމަ ގޮތުގައިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

