ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ ކުޑަ ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ދުންފަތުގެ ބާވަތްތަކާ ގުޅިގެން މި ސަރުކާރުން ގެނެސްފައިވާ ޕޮލިސީތަކަށް އެއްވެސް ބަދަލެއް ނުގެންނަވާނެ ކަމަށެވެ.
ރާއްޖޭގެ ރައްޔިތުންގެ ސިއްހަތު ސަލާމަތް ކުރުމަށްޓަކައި މި ސަރުކާރުގެ ޕޮލިސީއަކީ ވަށާޖެހޭ ސިއްހީ ނިޒާމެއް ގާއިމު ކުރުން ކަމަށާއި އެގޮތުން ދުންފަތުގެ އިސްތިއުމާލު ކުރުމުގެ އެކި ކަންކަން ރައްޔިތުން ދުރުކުރުމަކީ ޕްރިވެންޓިވް ހެލްތު ކެއާއަށް ވަރަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލު ކުރުން ހުއްޓުވުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް އަބަދުވެސް ރިވިއު ކުރަމުންދާ ކަމަށާއި އަދި އެ ފިޔަވަޅުތަކާ އެކު މަގުސަދު ހާސިލުވާ މިންވަރުވެސް ބަލަމުންދާ ކަމަށެވެ.
އެފަދަ މަޝްވަރާތައް އަބަދުވެސް ކުރިއަށް ގެންދާ ކަމަށާއި އެކަމަކީ މިހާރު ހުރި ޕޮލިސީތައް އިތުރަށް ހަރުދަނާ ކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ހަރުދަނާ ކުރުމަށް ކުރެވެންހުރި ކަންކަން ދެނެގަނެ އެކަންކަން ހިއްސާ ކުރައްވާނެ ކަމަށާއި ސިނގިރޭޓުން ނަގާ ޑިއުޓީ ކުޑަކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށް ނުދާ ކަމަށް ރައީސް ވިދާޅުވިއެވެ.

