އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުޅުވާލައިފިއެވެ.

މި މަގާމަށް ކުރިމަތިލުމަށް ހުޅުވާލީ އެ ކޮމިޝަންގެ ރައީސް މުހައްމަދު ޒާހިދު މި މަހުގެ ފުރަތަމަ ދުވަހު އިސްތިއުފާ ދެއްވުމުންނެވެ.

އީސީގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ މިއަދުން ފެށިގެން ޖޫން ތިން ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލައިފައެވެ.

އީސީގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދޭ ފޯމާއި، އިޤްރާރާއި، ކުށުގެ ރެކޯޑް ފޯމު ދޫކުރުމާއި، ފޯމުތަކާއި އިގްރާރު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، މިކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 8:30 އިން 12:00 އަށް ރައީސް އޮފީހުންނެވެ.

އަދި އެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ފޯރމާއި އިޤްރާރު ޑައުންލޯޑް ކުރެވޭނެއެވެ.