ކޯރަމް ހަމަނުވެގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ކެންސަލްކޮށްފިއެވެ.

މަޖިލީހުގެ ޖަލްސާތައް އާންމުކޮށް ފަށަނީ ހެނދުނު 9:00 ގައި ނަމަވެސް އެ ވަގުތަށް މިއަދުގެ ޖަލްސާ އަށް ކޯރަމް ހަމަނުވާތީ ޖަލްސާ ފަށާ ވަގުތު 10:00 އަށް ފަސްކުރިއެވެ.

މަޖިލީހުގެ ގަވައިދުގައިވާ ގޮތުން، މަޖިލީހުގެ ޖަލްސާއެއްގެ ގާނޫނީ އަދަދަކީ މަޖިލީހުގެ މެންބަރުންގެ 25 އިންސައްތައެވެ. އެހެންކަމުން 93 މެންބަރުން އެކުލެވޭ 20 ވަނަ މަޖިލީހުގެ ޖަލްސާގެ ކޯރަމަކީ 23 އެވެ.

ނަމަވެސް 10:00 ޖަހައި ބޮޑުވިއިރު ވެސް ކޯރަމް ހަމަނުވުމާ ގުޅިގެން މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވަނީ ކޯރަމް ހަމަވެފައި ނުވާތީ މިއަދު ޖަލްސާ ކެންސަލްކޮށްފައިވާކަން އިއުލާން ކުރައްވައިފައެވެ.

އެހެންވެ ދެން މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނީ މާދަމާއެވެ. މާދަމާ އަކީ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މި ހިނގާ ދައުރުގެ ޖަލްސާތައް ނިމި މަޖިލިސް ޗުއްޓީއަށް ދާ ދުވަސް ވެސް މެއެވެ.