ވެރިކަމުގެ ފަސް އަހަރުގެ ދައުރު ނުނިމެނީސް އަމިއްލަފުޅަށް އިސްތިއުފާ ދެއްވި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު މަސައްކަތްކުރައްވަން ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް)ގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ނިންމަވައިފިއެވެ.
އޮންލައިން ނޫސް ”ސަން“ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، އެ ނޫހަށް ރައީސް ޔާމީން މިއަދު ވިދާޅުވީ، އެމްޑީޕީއަށް ނިސްބަތްވާ ކުރީގެ ރައީސް ނަޝީދާއި ސޯލިހާ އެކު މަސައްކަތްކުރައްވަން އެއްބަސްވެލައްވާ ކަމަށެވެ. އަދި އެކަމުގެ މަގްސަދަކީ ”ނޫސްވެރިކަމުގެ މިނިވަންކަން އިޔާދަ ކުރުން“ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
ސޯލިހާއި ނަޝީދާ ގުޅިގެން މަސައްކަތް ކުރެއްވުމަށް ރައީސް ޔާމީން ނިންމެވިއިރު، ސޯލިހުގެ ވެރިކަމުގައި ރައީސް ޔާމީންއަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވެއެވެ.
އެއީ ސޯލިހުގެ ސީދާ ނުފޫޒުން ކުރި ”ނުހައްގު ހުކުމެއް“ ކަމަށް ރައީސް ޔާމީންއަށް ތާއީދު ކުރާ ފަރާތްތަކުން އޭރު ބުނަމުން ދިޔައެވެ. އަދި އެ ”އަނިޔާ“ ދިނުމުގައި އިސްކޮށް ހުންނެވީ ރައީސް ސޯލިހު ކަމަށާއި، ސޯލިހާ އެއްވަރަކަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)ގެ ތެރެއިން ރައީސް ނަޝީދު ވެސް އެ އަނިޔާ ދިނުމުގައި ބައިވެރިވާކަމަށް ރައީސް ޔާމީން ކުރިން ވިދާޅުވެފައިވެއެވެ.
”ނޫސްވެރިކަމުގެ މިނިވަންކަން އަލުން ހޯދަން“ ކަމަށް ބުނެ، އިދިކޮޅު ލީޑަރުން އެއްގަލަކަށް އަރަން ތައްޔާރުވަމުންދަނީ، ކްރިމިނަލް ކޯޓުގެ ހުރުމަތް ކަނޑާލި މައްސަލައިގައި ”އަދަދު“ ނޫހުގެ ދެ ނޫސްވެރިޔަކު ޖަލަށްލުމަށް އެ ކޯޓުން ހުކުމް ކޮށްފައިވަނިކޮށެވެ. މި މައްސަލާގައި ޖަލަށްލާން ހުކުމްކޮށްފައިވަނީ އަދަދު ނޫހުގެ މުހައްމަދު ޝަހުޒާން އަދި ލީވާން އަލީ ނަސީރުއެވެ.
ޝަހުޒާން 15 ދުވަހަށް، އަދި ލީވާން 10 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވަނީ ”އަދަދު“ ނޫހުން އާންމުކުރި ވީޑިއޯ ޑޮކިއުމެންޓްރީއެއް މުޖުތަމައުގެ ތެރޭގައި ދައުރު ނުކުރުމަށާއި ޑޮކިއުމެންޓްރީގައިވާ ވާހަކަތައް ނުދެއްކުމަށް ނެރެފައިވާ ކޯޓު އަމުރާއި ހިލާފުވުމުގެ ސަބަބުންނެވެ.

