ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިސްލާހުތަކަށް އާންމުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން ހުޅުވައިލައިފިއެވެ.

މި ބިލަށް އެއްވެސް ފަރާތެއްގެ ހިޔާލެއް ނުވަތަ ކޮމެންޓެއް އޮތްނަމަ، 13 މޭ 2026 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން އެ ޚިޔާލެއް ހުށަހެޅުމަށް މަޖިލީހުގެ އިއުލާނެއްގައި އެދިފައިވެއެވެ.

ހިޔާލު ހުށަހެޅުމަށް ބޭނުންވާ ފަރާތްތަކުން ލާމަރުކަޒީ ކޮމިޓީގެ އީމެއިލް އެޑްރެސް decentralization_committee@majlis.gov.mv އަށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިޔުމުން ފޮނުއްވުމަށް ވަނީ ދަންނަވާފައެވެ.

ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅި މައިގަނޑު މަގްސަދަކީ ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ހިންގުން މިހާރަށްވުރެ ހަރުދަނާކުރުމެވެ. އެގޮތުން އެލްޖީއޭގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމަށް ވަނީ ހުށަހަޅާފައެވެ.

މީގެ އިތުރުން، ރަށްރަށާއި ސިޓީތަކުގައި ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އާންމު ހިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ހިމެނުމަށްޓަކައި ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙުތައް ގެނައުމަކީވެސް މި ބިލު ހުށަހެޅި މުހިންމު ސަބަބެކެވެ.