އައްޑޫގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން ބާއްވާ އައްޑޫ ބިޒްނަސް ޑައިލޮގް ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން އިންތިޒާމުކޮށްފައި މި ހަރަކާތް ކުރިއަށް ދާނީ މިއަދާއި މާދަމާއެވެ.

ހިތަދޫ ސްކޫލްގައި ކުރިއަށް ގެންދާ އައްޑޫ ބިޒްނެސް ޑައިލޮގް ފެށުމުގެ ރަސްމިއްޔާތުގައި  އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ސިޔާސީ ގޮތުން ފިކުރު ތަފާތު ވިޔަސް ގައުމުގެ އިގްތިސާދު ކުރިއެރުވޭނީ ހުރިހާ ފަރާތްތަކުން އެކައްޗެއް ކިޔައިގެން އެކީގައި މަސައްކަތްކޮށްގެން ކަމަށާއި އައްޑޫގައި ފެށި ބިޒްނެސް ޑައިލޮގް އަކީ އައްޑޫގެ ތަރައްގީގައި މުހިންމު ދައުރެއް އަދާކުރާނެ ޑައިލޮގެއް ކަމަށެވެ.

ސަރުކާރުގެ ވިސްނުމަކީ ރާއްޖޭގެ ސަރަހައްދުތައް ކަނޑައަޅައިގެން ނަމަވެސް ހަލުވިކަމާއެކު މަސައްކަތް ކުރިއަށް ގެންދިއުން ކަމަށާއި، އައްޑޫ އަކީ މި މަސައްކަތުގެ ފެށުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ބިޒްނަސް ޑައިލޮގްގައި އައްޑޫގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ހުރި ގޮންޖެހުންތައް ދެނެގަނެ އެ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރިއަށް އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ކުރެވޭނެ ކަމަށް އެ ފަރާތްތަކަށް ފެންނަ ކަންކަން ހާމަކޮށް ކަރުދާހެއް އެކުލަވާލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.