ރާއްޖޭގެ އިގްތިސާދު ފުޅާކޮށް، ސަރަހައްދީ ތަރައްގީ ކުރިއެރުވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން، އައްޑޫ ސިޓީގައި ގާއިމްކުރި ”އައްޑޫ ރީޖަނަލް ފްރީ ޒޯން“ މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

އައްޑޫ ހައި ސްކޫލްގައި ބޭއްވި ރަސްމިއްޔާތެއްގައި މި މަޝްރޫއު އިފްތިތާހްކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ލައްމާނެވެ.  

އެ މަޝްރޫއު އިފްތިތާހްކުރުމާއެކު، އެމްޕީއެލްއިން ވަނީ އެ ފްރީ ޒޯންގައި ވިޔަފާރިކުރުމަށާއި މުދާ ރައްކާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން ޖޫން 11 ގެ ނިޔަލަށް ހުޅުވާލާފައެވެ.

އީއޯއައި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްވާ ފަރާތްތަކަށް، ބޭނުންވާ ބިމުގެ ތަފުސީލާއި ވިޔަފާރި ޕްލޭން ހިމެނޭ ގޮތަށް ފުރިހަމަ ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ދޭނެކަމަށް އެމްޕީއެލްއިން ބުންޏެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، އެ މަޝްރޫއުގެ ސަބަބުން އައްޑޫއަކީ ބައިނަލްއަގްވާމީ ފެންވަރުގެ ވިޔަފާރި މަރުކަޒަކަށް ވެގެންދާނެ ކަމަށާއި، މިކަމުގެ ސަބަބުން ދެކުނުގެ އަތޮޅުތަކުގައި ވަޒީފާގެ އާ ފުރުސަތުތައް އުފެދި، ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ލިބި، މާލެއަށް ބަރޯސާވާ މިންވަރު ކުޑަވެގެންދާނެކަމަށެވެ.