ސީޝެލްސްގެ ފޮރިން އެފެއާޒް އެންޑް ޑަޔަސްޕޯރާ މިނިސްޓަރު ބެރީ ފޯ ރަސްމީ ދަތުރެއްގައި ރާއްޖެ ވަޑައިގެންފިއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމްގެ ދައުވަތަކަށް ސީޝެލްސްގެ ފޮރިން މިނިސްޓަރު ބެރީ ރާއްޖެ ވަޑައިގެންނެވީ އިއްޔެއެވެ.
މިއީ ސީޝެލްސްގެ ފޮރިން މިނިސްޓަރަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ. މި ދަތުރުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ މިއީ ދެ ގައުމުގެ ގާތް އަދި ރަހުމަތްތެރި ގުޅުން ރަމްޒުކޮށްދޭ ދަތުރެއް ކަމަށާއި، ހާއްސަކޮށް ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް (ސިޑްސް) ހައިސިއްޔަތުން ދެ ގައުމުގެ މެދުގައި އޮތް ގުޅުން ހަރުދަނާކުރުމަށް ދެ ގައުމުން ދޭ އިސްކަން މި ދަތުރުން ހާމަވާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

