ދިވެހިރާއްޖެއިން ނަގާފައިވާ ލޯނަކާއި ގުޅިގެން ތަރައްގީއާއި ގުޅުންހުރި އެއްވެސް މަޝްރޫއުއެއް ހުއްޓިގެން ނުދާނެކަމަށާއި، އިގްތިސާދީ ގޮތުން ދަތި ދަނޑިވަޅެއްގައި ވެސް އިތުރު ދަރަނި ނުނަގާ ބިލިއަނެއްހާ ޑޮލަރު ދައްކާ ހަލާސް ކުރެވިފައިވާ ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު (މުންދު) ވިދާޅުވެެއްޖެއެވެ.
”ޕްރެސަރ ވިތު ދަ ސްޕޮކްސް“ގައި މުންދު ވިދާޅުވީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ހަރުދަނާ މަސައްކަތްތަކެއް ކުރަމުންދާއިރު، އެކަމުގައިވެސް މުހިއްމު ފިޔަވަޅުތަކެއް އަޅަމުންދާކަމަށެވެ.
އެގޮތުން އަވަށްޓެރި އިންޑިއާ ސަރުކާރުން ނަގާފައިވާ ލޯނުގެ ދަށުން ދައްކަންޖެހޭ 50 މިލިޔަން ޑޮލަރު އަންނަ ސެޕްޓެންބަރު މަހު ދެއްކުމަށް ހަމަޖެހިފައިވާކަން ފާހަގަކުރައްވައި، ކުރީ ސަރުކާރުން އިންޑިއާ އިން 150 މިލިޔަން ޑޮލަރުގެ ލޯނެއްވަނީ ނެގިކަމަށް މުންދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިގްތިސާދީ ގޮތުން ދަތި ދަނޑިވަޅެއްގައި ވެސް އިތުރު ދަރަނި ނުނަގާ ބިލިއަނެއްހާ ޑޮލަރު ދައްކާ ހަލާސްކޮށްފައިވާކަމަށެވެ.
އަދި މިއަދު ފެނިގެންދާ ހަގީގަތަކީ ދަރަނި ދެއްކުމުގައި ރާއްޖެއިން ޒިންމާދާރު ކަމާއެކު މަސައްކަތް ކުރަމުންދިޔުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

