ސަފާރީއަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެެއްލުނުއިރު، އެތަނުން އަދި ފެނުނީ އެކަކު ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިއަދު 13:45 އެހާކަންހާއިރު ވ. އަތޮޅުގައި އޮތް ސަފާރީ އަކުން ޑައިވިނަށް ދިޔަ ފަސް މީހަކު ގެއްލިގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވާ ކަމަށެވެ.
އެ މީހުން ހޯދުމަށް މަސައްކަތް ކުރަމުން ދިޔައިރު އެ ފަސް މީހުންގެ ތެރެއިން އެކަކު މަރުވެފައި އޮއްވައި ވަނީ ފެނިފައެވެ. ބާކީ ތިބި 4 މީހުން އަދި ވެސް ދަނީ ހޯދަމުންނެވެ. އެއީ އިޓަލީއަށް ނިސްބަތްވާ ފަސް ފަތުރުވެރިންކަމަށް ފުލުހުން ކުރިން މައުލޫމާތުދިނެވެ.
ފުލުހުން ކުރިން ބުނީ، ޑައިވިން އަށް ދިޔަ ފަސް މީހުންވެސް މަރުވެފައިވާ ކަމަށެވެ. ނަމަވެސް އެއީ ގެއްލުނު މީހުން ހޯދުމަށް މަސައްކަތް ކުރި މީހުންނަށް އޮޅިގެން ދެވުނު މައުލޫމާތެއް ކަމަށް ފުލުހުން މިރޭ 8:04ގައި ވަނީ ބުނެފައެވެ.

