ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް 18 ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސް ޑރ.މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.
މި ބިލު ފާސްކުރައްވާފައިވަނީ، 2026 މޭ 14 ވީ ބުރާސްފަތި ދުވަހު ބޭއްވި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2026 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 19 ވަނަ ޖަލްސާގައެވެ.
މި ބިލަށް ގެނެވުނު މައިގަނޑު އިސްލާހުގެ ތެރޭގައި ހިމެނެނީ، ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ މުވައްޒަފުންނަކީ ސިވިލް ސަރވިސްގެ މުވައްޒަފުން ކަމުގައި ހަމަޖެއްސުމެވެ.
އެގޮތުން، ލޯކަލް ކައުންސިލްތަކުގެ މަސައްކަތްތަކާއި ހަރަކާތްތައް ވިލަރެސްކުރުމުގެ ޒިންމާ މަތިކޮށްފައިވާ އިދާރާ ކަމުގައިވާ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ގެނެވުނު އިސްލާހުތަކުގެ ތެރޭގައި އޮތޯރިޓީގެ މުވައްޒަފުން އައްޔަނުކޮށް ވަކިކުރުމުގައްޔާއި، މުވައްޒަފުންނާ ގުޅޭ އެނޫންވެސް ކަންކަމުގައި، ޒިންމާދާރު އިސްވެރިޔާގެ ދައުރު އަދާކުރާނީ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރުކަމަށް ވަނީ އިސްލާހުގައި ބަޔާންކޮށްފައެވެ.
އަދި އޮތޯރިޓީގެ ބޯޑުގެ ލަފާގެ މަތީން، މުވައްޒަފުންގެ މަގާމުތަކުގެ އޮނިގަނޑު އެކުލަވައިލައި ސިވިލް ސަރވިސް ކޮމިޝަނަށް ހުށަހަޅައި ފާސްކުރަންވާނެކަމަށް އިސްލާހުގައިވެއެވެ.
މި ގާނޫނަށް އަމަލުކުރަން ފަށާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި އޮނިގަނޑު އެކުލަވައިލައި، ފާސްކުރުމަށް ޓަކައި ސިވިލް ސަރވިސް ކޮމިޝަނަށް އޮތޯރިޓީން ހުށަހަޅަންވާނެއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން 15 ދުވަހުގެ ތެރޭގައި އޮނިގަނޑު ފާސްކުރުމަށް، އަދި އެ ތާރީހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އޮތޯރިޓީގެ މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑު، ނޭޝަނަލް ޕޭ ކޮމިޝަނުން ކަނޑައަޅައި ނިންމަންވާނެކަމަށް ވެސް މި ބިލަށް ހުށަހެޅުނު އިސްލާހުގައި ހިމަނާފައިވެއެވެ.
މީގެ އިތުރުންވެސް ރަށްރަށާއި ސިޓީތަކުގައި ގާނޫނުގެ ދަށުން، ލޯކަލް ކައުންސިލްތަކުން ފޯރުކޮށްދޭންޖެހޭ އާންމު ހިދުމަތްތަކުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ ހިދުމަތް ވަނީ ގެނެވުނު އިސްލާހުތަތަކުގެ ތެރޭގައި ހިމަނާފައެވެ.
މި ބިލު ތަސްދީގު ކުރެއްވުމުން، ދިވެހިސަރުކާރުގެ ގެޒެޓްގައި ޝާއިއު ކުރެއްވުމާއެކު، މިހާރު ވަނީ މި ގާނޫނަށް އަމަލުކުރަން ފަށާފައެވެ.

