އިދިކޮޅު ފަރާތްތަކުގެ ކިބައިން މިހާރު ފެންނަމުން ދަނީ ވަރަށް ދަށު ދަރަޖައިގެ އަމަލުތަކެއް ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ޕީއެންސީއިން މިރޭ ކުރިއަށް ގެންދާ ހަރުގެ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ފަލާހު ވިދާޅުވީ، މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީއަށް 2008 ގައި އަމަލު ކުރަން ފެށި ފަހުން ވެރިކަން ކުރެއްވި ވެރިން ކަންތައް ކުރެއްވި ގޮތް ރައްޔިތުން އަދި ހަނދާން ނުނެތޭ ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައި ކަންތައް ކުރި ގޮތް ވެސް، އިއްޔެ ވީ ކަމެއްހެން ރައްޔިތުން ހަނދާން ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، އޭރު ހުންނެވި ރައީސް މުހައްމަދު ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ ފަނޑިޔާރަކު ވަގަށް ނަގައިގެން ކަމަށެވެ. އެ ރައީސް ”ފައިބައިގެން ދިޔައީ“ ރާއްޖޭގެ މައި ދޮރޯށި އެއާޕޯޓާއި، ފެން ކުންފުންޏާއި، ދިރާގު ވެސް ވިއްކާލާފައި ކަމަށް ފަލާހު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ދެން ވެރިކަން ކުރެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށާއި، އެމަނިކުފާނުގެ ވެރިކަމުގައި މީހުން ޖަލަށް ލަމުން ގޮސް، އެއްބަފާ ބޭބޭފުޅު ވެސް އެންމެ ފަހުން ލީ ޖަލަށް ކަމަށެވެ. އެހެންވެ، އެމަނިކުފާނު ކޯޓުތަކާއި، ނޫސްވެރިންގެ ވާހަަކަ ދެެއްކުމަކީ ”ރައްޔިތުން ހޮޑު ލަވާނެ“ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ތައުރީފު ކުރައްވައި ފަލާހު ވިދާޅުވީ، ރާއްޖޭގެ އިޖްތިމާއީ ފޭރާން، މިހައި ބޮޑަށް ރައްކާތެރިކޮށްދިން ވެރިޔަކު ދިވެހީން ދެކެފައި ނުވާ ކަމަށެވެ. އަދި މިހާރު އިދިކޮޅު ފަރާތްތަކުން ފަތުރަމުންދާ ވާހަކަ ތަކަކީ އެމަނިކުފާނުގެ މާތް އަހުލާގު ކިލަނބު ކޮށްލުމަށް ދައްކާ ބުހުތާނު ވާހަކަތަކެއް ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.
ރައީސް މުއިއްޒު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، ގައުމުގެ ހަރު މުދާތައް އެކި މާލީ އިދާރާތަކުން ލޯނު ނަގައި މޯގޭޖުކޮށްފައި އޮތްއިރު، އެތަންތަން ސަލާމަތް ކޮށް، ކާމިޔާބުގެ އައްސޭރިއަކަށް ގައުމު ގެންގޮސްދީ، ބިލިއަން ޑޮލަރުގެ ދަރަނި ދައްކާ ދިނީ ވެސް ރައީސް މުއިއްޒު ކަމަށް ފަލާހުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

