އިދިކޮޅުގައި ތިއްބެވި ތިން ރައީސުން އެކުގައި ނުކުންނަވަން ނިންމެވިއިރު، އެބޭފުޅުން އެކަކު އަނެކަކަށް އިތުބާރު ނުކުރައްވަވާނެކަން ޔަގީން ކުރެވޭ ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިފަދައިން ވިދާޅުވީ، ޕީއެންސީގެ ހަރުގެ ޖަލްސާގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ބައްދަލުކުރެއްވުމަށް ވަނީ ނިންމަވައިފައެވެ. ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ވަނީ ތިން ރައީސުން ބައްދަލުކުރައްވާކަން ހާމަކޮށްފައެވެ. ނަމަވެސް އިތުުރު ތަފްސީލެއް ނުދެއެވެ.

މިކަމާ ގުޅޭގޮތުން، ޕީއެންސީން ރޭ ބޭއްވި ހަރުގެ ޖަލްސާގައި، ކުރިން ރައީސް ޔާމީންއާ ވަރަށް އަރިސްކޮށް އުޅުއްވި އަބްދުއްރަހީމް ވިދާޅުވީ، ބައްދަލު ކުރައްވަން ނިންމެވި ތިން ރައީސުން ވެސް އުޅުއްވަނީ، އަމިއްލަ މަންފާއެއް ހާސިލު ކުރަން ކަމަށާއި، އެ ތިން ބޭފުޅުން އެކަކު އަނެކަކަށް އިތުބާރު ނުކުރައްވަވާނެކަން ވެސް ޔަގީން ކަމަށެވެ.

”މިއަދު، ތިން މީހުން އެކީގައޭ ނުކުންނާނީ ބުނާ މީހުން އަޅުގަނޑަށް ޔަގީން، އޭގެ ތެރެއިން އެކަކު އަނެކަކަށް ވެސް އިތުބާރެއް ނުކުރާނެ. މި އުޅެނީ ވަގުތީ މަންފާއެއް ހޯދަން ވެގެން، އަމިއްލަ އެދުން ނޫން އެއް ކަމެއް ވެސް އޮވެގެނެއް ނޫން.“ އޭނާ ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވިގޮތުގައި، ކުރީގެ ތިން ރައީސުން އެއް މޭޒު ދޮށަށް ވަޑައިގެން މަޝްވަރާ ކުރައްވަންވީ ރާއްޖޭގެ ކަނޑުން ބައެއް ވިއްކާލި މައްސަލައާއި، ރައީސް ޔާމީންގެ ވެރިކަމުގައި ނަޝީދު ޖަލަށްލި މައްސަލައާއި، ސޯލިހުގެ ވެރިކަމުގައި ރައީސް ޔާމީން ޖަލަށްލި މައްސަލައާއި، ނަޝީދުގެ ވެރިކަމުގައި ދިވެހީންގެ އެއާޕޯޓު އިންޑިއާގެ ޖީއެމްއާރް ކުންފުންޏަށް ވިއްކައިލި މައްސަލައާއި ދިރާގާއި ފެން ކުންފުނި ވިއްކާލި މައްސަލައިގައެވެ.